އަންނަ އަންގާރަ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި  16 ވާ އަންގާރަ ދުވަހުގެރޭ 20:30ގައި ޢިމާދުއްދީން ސްކޫލްގައި އެވެ.

ހުޅުމާލެ ހިމެނޭހެން މާލޭ ގެ ހުރިހާ އަވަށްތަކު ގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަން ރައީސް އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި އަދި މާފަންނުގެ އިތުރުން ހެންވޭރުގެ ރައްޔިތުންނާ ރައީސް މުއިއްޒު ވަނީ ބައްދަލު ކުރައްވާފަ އެވެ.

މިއިން ކޮންމެ ބައްދަލުވުމެއް ގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ރައީސް މުއިއްޒު އާއި ސަރުކާރުގެ ނާޤާބިލްކަން ފާހަގަކޮށް ފާޑުކިޔަމުންނެވެ. އަދި ވައުދު ނުފުއްދާތީ އެ ކަންބޮޑުވުންތައް އާއްމުން ދަނީ ކެނޑި ނޭޅި ހިއްސާ ކުރަމުންނެވެ. އެހެންކަމުން މި ބައްދަލުވުންތައް ވެފައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރ ބޮޑުވެގެންދާ ބައްދަލުވުންތަކަށެވެ.