ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބާއްވަން ހަމަޖެހިފައިވާ "ރިސެޓް" ޖަލްސާ ގައި އިނގުރައިދޫ ދާއިރާ ގެ މެމްބަރު އިބްރާހިމް ފަލާހު އަދި ބާރަށު ދާއިރާ ގެ މެމްބަރު އިބްރާހިމް ޝުޖާއު ގެ ވާހަކަ ނުދެއްކިޔަސް ޖަލްސާ ބަލާފަ، އެ ރޭ އެ ދެބޭފުޅުންނަށް ނުނިދޭނެ ކަމަށް ޕީއެންއެފް ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސިޔާސީ ހަރަކާތުގެ މައުލޫމާތު ހިއްސާކުރަން ޕީއެންއެފް އިން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މަލީހު ވަނީ މި ސަރުކާރަށް އަދި ވަކިން ހާއްސަކޮށް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާފަ އެވެ.

މަލީހު ވިދާޅުވީ ޕީއެންއެފް އިން ބާއްވާ "ރިސެޓް" ޖަލްސާ ގައި ފަލާހު އަދި ޝުޖާއު ގެ ވާހަކަ ދެއްކުމު ގެ ބަދަލު ގައި ގައުމަށް މިވަގުތު ދިމާވެފައިވާ ހަގީގީ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލާނެ ކަމަށެވެ. މި ޖަލްސާގައި ފަލާހު އަދި ޝުޖާއު ގެ ވާހަކަ ނުދެއްކެވިޔަސް އެ ރޭ އެދެބޭފުޅުން ނިދި ނުކުރައްވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

މި ޖަލްސާގަ ކޮންމެހެން ބޮޓޭކޯ (މެމްބަރު ފަލާހު އަށް ނިސްބަތް ކުރައްވާ ޕީއެންއެފް ގެ ޖަލްސާ ތަކުގައި އާއްމުކޮށް ކިޔުއްވާ ނަމެއް) މެނާ، އަނެއް ހެން ބާރަށު މައިކާ (މެމްބަރު ޝުޖާއު އަށް ނިސްބަތް ކުރައްވާ ޕީއެންއެފް ގެ ޖަލްސާ ތަކުގައި އާއްމުކޮށް ކިޔުއްވާ ނަމެއް) އެބޭބޭފުޅުންގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ. އެހެން ނަމަވެސް މި ބޭބޭފުޅުން ނިދި ނުކުރައްވާނެ އިނގޭތޯ. 
ޕީއެންއެފް ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް

މަލީހް ވިދާޅުވީ "ރިސެޓް" ޖަލްސާ އަކީ ވަރަށް ބޮޑު ހަރަކާތެއް ކަމަށާއި ހާއްސަކޮށް ސަރުކާރު ގެ ފަރާތްތަކަށް އޮތް ބޮޑު ސަޕްރައިޒެއް ކަމަށެވެ. އަދި މި ޖަލްސާ ގައި ބައިވެރިނުވެވޭ ސަރުކާރު ގެ ބޭފުޅުން ސިޓިންރޫމް ގައި އިންނަވާ ޗިޕްސް ޕެކެޓަކާ އެކު ޖަލްސާ ބެލުމަކީ ރަނގަޅު ގޮތެއް ކަމަށް މަލީހު ވިދާޅުވި އެވެ. އަދި ސަރުކާރު ގެ އިސް ބޭފުޅުން ޖަލްސާ ބަލާއިރު ހަޖަމްކުރުމަށް ވެސް މަލީހު އިލްތިމާސް ކުރެއްވި އެވެ.

ނޫސްވެރިން ގެ ބައްދަލުވުމުގައި މަލީހު އިތުރަށް ވިދާޅުވީ ޕީއެންއެފްގެ ޖަލްސާތައް ރައީސް މުއިއްޒުގެ ދެކަނބަލުން ބައްލަވާ ކަމަށާއި ޖަލްސާ ގައި ރަނގަޅު ކުރަން ބުނާ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާ މަންޒަރު ފެންނަ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ ދިވެހި ރާއްޖޭގެ ރައްޔިތުން ގެ މައުސޫމް ކަމުން ވައްކަން ކޮށްފި ކަމަށް މަލީހު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ގެ ސަރުކާރުން ދިވެހި ރައްޔިތުން ހުރިހާ ގޮތަކުން ވެސް ބިކަހާލުގައި ޖައްސައިފިކަމަށް ވިދާޅުވެ މަލީހް ވަނީ ބައެއް ކަންކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މީގެ ކުރިން ރަނގަޅަށް ހިނގަހިނގާ ހުރި ކިތަންމެ ވިޔަފާރި އެއް މިހާރު އިނދަޖެހިފަ އިވާކަމަށާއި މަސްވެރިން ތިބީ މަހަށް ނިކުމެވޭނެ ގޮތެއް ނެތިފަކަމަށް މަލީހު ފާހަގަކުރެއްވި އެވެ.

ޕީއެންއެފް އިން މި ޖަލްސާ ބާއްވަން ނިންމާފައިވަނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތު ތަކާއި ނިންމުން ތަކާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންކަން މަލީހު ފާހަގަކުރެއްވި އެވެ.