ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހައްޔަރު ކުރުމުން، ފާޑުކިޔުން ބޮޑުވެ ސަރުކާރު ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް އޭނާ ދޫކޮށްލައިފި އެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި އޭނާ ދޫކޮށްލީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މައުރޫފް ދޫކޮށްލުމުގައި އެއްވެސް ޝަރުތެއް ކޮށްފައެއް ނުވެއެވެ. އޭނާ ދޫކޮށްލާފައި މި ވަނީ ހުކުރު ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ޖެހުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މި މަހުގެ 10 ވަނަ ދުވަހު ފެށި މަސްވެރިންގެ އިހުތިޖާޖުން ހައްޔަރު ކޮށްފައިވާ މެންބަރު މައުރޫފް އާއި އިތުރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު އޮންލައިން ކޮށް އަޑުއެހުން ކުރިއަށް ގެންގޮސްފަ އެވެ. ހުކުރު ދުވަހު ކްރިމިނަލް ކޯޓުން މެންބަރު މައުރޫފްގެ ބަންދަށް ޖަހާފައި ވަނީ 5 ދުވަހުގެ މުއްދަތެކެވެ.

މި މައްސަލައިގައި މެންބަރު މައުރޫފް އަށް ފުލުހުން ކުރަނީ ތުހުމަތުތަކަކީ ކަނޑުދަތުރުފަތުރު ކުރުމަށް ހުރަސްއެޅުމާއި، ކޯސްޓް ގާޑް އުޅަނދަށް ގެއްލުން ދިނުމުގެ ތުހުމަތު ގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ.

މައްސަލައިގައި ލިބިފައިވާ ހެކީ ގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ހަމަ އެކަނި ފުލުހުން ދީފައިވާ ބަޔާން ތަކެވެ. އިތުރު ހެއްކެއް ހުށަހަޅާފަ އެއް ނުވެ އެވެ.

މައުރޫފް ހައްޔަރު ކުރީ ރައްޔިތުން ގެ މަޖިލީހު ގެ މެމްބަރުންނަށް ލިބޭ އިމްތިޔާޒުތަކާއި ވެސް ޚިލާފަށް ކަމަށް އެމްޑީޕީ އިން ބުނެ އެވެ. މައުރޫފް ހައްޔަރު ކުރީ ޓާގެޓް ކޮށްގެން ކަަމަށް ބައެއް އާއްމުން ދަނީ ބުނަމުންނެވެ. 

ސަރުކާރުން މައުރޫފް ދޫކޮށްލި އިރު އޭނާ ބަންދު ކުރި މައްސަލަ އައިޕީޔޫ އާއި އައިއެލްއޯ އަށް ވެސް އެމްޑީޕީ އިން ވަނީ ހުށަހަޅާފަ އެވެ.