ޒަމާނީ ޑިމޮކްރަސީ އަށް
ގައުމު އަނބުރާލެވެނީ ރައްޔިތުން އިތުބާރު ކުރާ ބަޔަކު ވެރިކަމުގައި ތިބެގެން
ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާ އިން
އިންތިޒާމްކޮށްގެން ބޭއްވި "ލާމަސީލުލާމު ރަށު ކައުންސިލްތަކާއި، އަންހެނުންގެ
ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީތައް މިންކުރުމުގެ ހަފްލާ" 2025
ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ފައްކާވަމުން
އަންނަ ލާމަރުކަޒީ ނިޒާމްގެ ތެރެއިން އުފެދިފައި އޮތް އަތޮޅު ކައުންސިލްތައް އުވާލަން
ސަރުކާރުން ނިންމި ނިންމުމަކީ، ހަރުދަނާ ސިޔާސަތެއް ނެތް ނިންމުމެއް ކަމަށާއި، އަތޮޅުގެ
ކަންކަން މޮނިޓަރ ކުރުމަށް އޮތް އެންމެ މައި ތަނބު މި ސަރުކާރުން އައިސް އުވާލާފައިވާ
ކަމަށެވެ.
އަދި ރައްޔިތުން އިންތިހާބުކޮށްފައިވާ ބަޔަކު، ރައްޔިތުންގެ
ހައްގުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، އެއްފަރާތް ކުރުމަށްފަހު،
ވެރިކަމުގައި ތިއްބަވާ ފަރާތްތަކުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާ މަންޒަރު
ފެންނަމުންދާއިރު، މިސަރުކާރުން ވަނީ އަތޮޅު ކައުންސިލްތަކަށް އަލްވަދާއު ކިޔާފަ
އެވެ. މިއީ ރައްޔިތުންނަށް ދިން ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ފައިސަލް
ވިދާޅުވި އެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގެ އަތޮޅު ކައުންސިލްތަކާއި،
ރަށު ކައުންސިލްތަކާއި، އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ
ތަކުގެ މަސައްކަތްތައް ވަރަށް ގާތުން ފެނިފައިވާއިރު، މި ފަރާތްތަކުން ކޮށްފައިވާ
މަސައްކަތްތަކަކީ ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.
ތަރައްޤީގެ ކަންކަމުގައި ރާއްޖެ ދާންޖެހޭ ސްޕީޑު ގައި
ނުގޮސް އޮތީ ކީއްވެގެންތޯ، ސުވާލުކުރާ ނަމަ، ކޮންމެ އިންތިހާބަކާއި ދިމާކޮށް،
ބޭނުންހާ ވައުދުތަކެއް ނުވެ، ރައްޔިތުންގެ ހައްގުގައި ކުރެވޭނެ މަސައްކަތްތަކަށް ފޯކަސް
ކުރުންވެސް މުހިއްމު ކަމަށް ފައިސަލް ވިދާޅުވި އެވެ.
އަދި ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު،
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ ރައްޔިތުން ކަމަށާއި ނަމަވެސް
އެ މެމްބަރުން ވަކި ކުރެވެނީ އެހެން ބަޔަކަށް ކަމަށްވާއިރު، މިކަމުގައި އެއްވެސް އިންސާފެއް
ނެތް ކަމަށް ވިދާޅުވަމުން، މިއަދު ކައުންސިލްތައް މިވަނީ ކުދިކޮށް ކޮށާލާފައި
ކަމަށް ފައިސަލް ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވާ ގޮތަކަށް ކައުންސިލްތަކުގެ
މެމްބަރުންގެ އަދަދު މަދުކޮށް އަތޮޅު ކައުންސިލްތައް އުވާލިއިރު، އުފެދޭ ސުވާލަކީ
ރައްޔިތުންގެ މަޖިލީހުގައި މިހާ ގިނަ އަދަދެއްގެ މެމްބަރުން ތިބުމުގެ ބޭނުމަކީ
ކޮބައިތޯ ކަމަށާއި ހަރަދު ކުޑަ ކުރަން ވާހަކަ ދައްކަވާ ސަރުކާރެއް ނަމަ އެންމެ
ފުރަތަމަވެސް ކޮންމެ ކުރާނެ މަސައްކަތަކީ، މަޖިލީހުގެ މެންބަރުންގެ އަދަދު ކުރޭވޭނެ
ގޮތަކަށް ކަންކަން ބައްޓަން ކުރުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
މިއީ ހަރަދު ކުރަން ކުރާ ކަމެއް ނަމަ ޤާނޫނު އަސާސީ
އާއި ޤާނޫނަށް، އެންމެ ފުރަތަމަވެސް ބަދަލު ގެނެސް، މަޖިލިސް މެމްބަރުންގެ އަދަދު
މަދު ކުރަން މަސައްކަތް ކުރާނެ ކަމަށާއި އަދަދު މަދުކޮށް، ހަރަދު ކުޑަ ކުރާނެ ނަމަ
ސިޔާސީ މަގާމްތައް ވެސް ދަށް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމަށް ރަނގަޅު ގޮތްވާން އެދެން ބޭނުން ނަމަ ހުރިހާ
ދިމާލަކުން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވަމުން އިންތިހާބު ކުރަން އަޅާ ވޯޓަކީ
ވަރަށް އިތުބާރު ހުރި އެއްޗަށްވާން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީ ކުޑަ ރަށްރަށަށް
މަދުން ކައުންސިލަރުން ހޮވަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައި ބަދަލު ރައީސް
މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ 1
ޑިސެމްބަރ 2025 ވަނަ އަހަރުގަ އެވެ.