މަސްވެރިކަމާ ބެހޭ ގޮތުން ވެފައިވާ ބައެއް ވައުދު ފުއްދުން ލަސްވެފައިވާ ކަމަށާއި، ބައެއް ވައުދު ފުއްދޭނީ އިގުތިސާދު އެކަމަށް ފައްކާވީމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރ.ދުވާފަރު ގައި ހޮނިހިރު ދުވަހު ބޭއްވި މަސްވެރިންގެ ފޯރަމް ގައި ވާހަކަ ދައްކަވަމުންނެވެ.

މަސްވެރިންގެ ފަރާތުންނާއި ކެޔޮޅުންގެ ފަރާތުންނާއި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކާއި ޕްރޮސެސްކުރާ ފަރާތްތަކުން މިދިޔަ ދުވަސްތަކުގައި އެކިފަހަރު ބައްދަލުކުރައްވާފައިވާކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

އަދި މިނިސްޓްރީއާ އެކީގައިވެސް މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި ކަންކަމާއި، އަދި މަސްވެރިކަމުގެ ދާއިރާ އިން އެކިފަހަރު މަތިން ވިދާޅުވެފައި ހުރި ކަންކަމާއި، މި ހުރިހާ ކަމަކަށް ވަރަށް އީޖާބީ ގޮތެއްގައި ރަނގަޅު ކުރިއެރުންތަކެއް ގެނެސްދޭން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށްޓަކައި މަސައްކަތްތައް ކުރާ ކަންތައްތައް ކަމަށާއި އަދި ބައެއް ކަންކަމަކީ ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ފައްކާވީމަ ކުރެވެންހުރި ކަންކަން ކަމަށެވެ.

އިތުރަށް ވިދާޅުވީ، ބޭރުގެ ބައެއް ލޯނުތަކާ ގުޅިފައި ހުރި މަޝްރޫޢުތައް ވެސް އެބަހުރި ކަމަށާއި ބޭރުގެ އެކިއެކި ފައިނޭންސްތަކާއި، މާލީ އެހީތަކާ ގުޅިފައި ހުރި ކަންކަން އެބަހުރި ކަމާއި އެކަންކަން ފުރިހަމަކުރުމަށްޓަކައި ވަރަށް ގިނަ ދުވަސްތަކެއް ނަގާފައި އެބަހުރި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެއީ، ސަރުކާރުން ވަކި ކަމެއް ގޯސްކޮށް ކޮށްގެނެއް ވެސް ނޫން. އަޅައިނުލައިގެނެއް ވެސް ނޫން. އަދި އެފަރާތްތަކުން ކަމެއް ގޯސްކޮށް ކޮށްގެނެއް ވެސް ނޫން. އަޅައިނުލައިގެނެއް ވެސް ނޫން. ހަމަ އެ އޮންނަ ޑިއު ޕްރޮސެސް އިން. ވަކި މަސްވެރިކަމުގެ އިންޑަސްޓްރީ ވީމަ ވާގޮތެއް ވެސް ނޫން. ބޭރުގެ އެހީތަކާ ގުޅިފައި ހުންނަ ކަންކަމަކީ، ބޭރުގެ ލޯނުތަކާ ގުޅިފައި ހުންނަ ކަންކަމަކީ، އެ އޮންނަ ޕްރޮސީޖަރއަކުން، އެފަރާތްތަކުން އެ ސްޓެޕް ބައި ސްޓެޕް ކުރިއަށް ގެންދިޔައިމަ ނިމޭ ކަންކަން."

ރައީސް މުއިއްޒު ވަނީ ވައުދުތަކާ އެއް ގޮތައް ކަންކަން ކުރިއަށް ގެންދިއުމުގައި ލަސްވެފައިވާ ކަމަށް ވެސް އެއްބަސްވެ ވަޑައިގެންފަ އެވެ.

"ބައެއް އައިސް ޕްލާންޓްތަކާއި، ބައެއް ފެކްޓްރީތަކާއި، ބައެއް ކަންކަން ފެށުމުގައި ލަސްތަކެއް އައި،" ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއީ އެއްގޮތަކަށް ވެސް މި އިންޑަސްޓްރީ އަށް ފަރުވާކުޑަކޮށްގެން ވާކަމެއް ނޫން ކަމަށާއި ނޫނީ އަޅައިނުލައިގެން ވާކަމެއް ވެސް ނޫން ކަމަށާއި ބައެއް ކަންކަމުގައި ގިނަ ވަގުތު ނަގަނީ އެކަމުގައި އިޤްތިޞާދީ ގޮތުން ކުރިއަށް ގެންދަން ހުރި ކަންކަމާއި، އިޤްތިޞާދު ކުރިއަރައިގެންދާ ގޮތަށް ވިސްނައިގެން ކުރަންޖެހޭ ކަންކަން ވީމާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެފަދަ ކަންކަމަކީ ކޮބައި ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.

މުއިއްޒު ވިދާޅުވީ، އެއްވެސް ކަމެއް ހަމަ ނަމެއްގައި އިޢުލާނު ކޮށްލާކަށް ނޫނީ ފަށާކަށް ބޭނުންފުޅު ނުވާ ކަމަށާއި ބޭނުން ވަނީ ޙަޤީޤީ މާނައިގައި މި އިންޑަސްޓްރީ އަށް ކުރިއެރުން ލިބިގެންދާން ކަމަށް ވިދާޅުވި އެވެ.

މުއިއްޒު މި މޭރުމުން ވާހަކަ ދެއްކެވި އިރު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވެފައި ވަނީ ހުރިހާ ކަމެއް ހުރީ ހަމަ ޖެހިފައި ކަމަށާއި ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި، ބޭރުގެ އެހީ ވެސް އެކި ކަންކަމަށް ހުރީ ހަމަ ޖެހިފައި ކަމުގައެވެ.