ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހިމެނޭހެން 8 މީހަކު ޤާނޫނާ ހިލާފަށް އެ ހަރަކާތުގެ ތެރެއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ މަސައްކަތްތެރިންގެ ބައިނަލްއަގުވާމީ އިދާރާ ކަމުގައިވާ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ހޮނިހިރު ދުވަހު އެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން އަޅާންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް މި ހުށަހެޅުމުގައި އެދިފައިވެ އެވެ.

މި މައްސަލައިގައި ހުށަހެޅުމުގައި ބުނެފައި ވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ހެޔޮ ނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ މަޝްވަރާކުރަން ފެށުމަށް ސަރުކާރަށް އެންގުމަށް ވެސް އެދިފައިވާ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިން ހައްގުތައް ހޯދުމަށް ޑިސެމްބަރު 10 ވަނަ ދުވަހު ކުރަންފެށި ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިން އަޑުއުފުލަމުންދަނިކޮށް ހައްޔަރު ކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ވެސް އެމްޑީޕީ އިން ގޮވާލާފައިވެއެވެ. 

މެންބަރު މަޢުރޫފް ޛާކިރު އާއި އެތައް ބަޔަކު ޤާނޫނާ ހިލާފަށް ހައްޔަރުކުރުން ކުށްވެރިކޮށް، އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އިން ވަނީ ހުކުރު ދުވަހުގެ ރޭ މާލޭ ގައި ހުންނަ އެ ޕާޓީގެ ހަރުގޭގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފަ އެވެ. 

މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ސުލްހަވެރިކޮށް އަޑުއުފުލުމަކީ ގާނޫނު އަސާސީ އިން ލިބިދީފައިވާ އަސާސީ ހައްގެކެވެ. 

މި މައްސަލަ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނަށް ހުށަހެޅުމުން، މި މައްސަލައިގައި ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.