މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރ. ދުވާފަރުގައި ހޮނިހިރު ހުޅުއްވައިދެއްވައިފިއެވެ. މި ފިއުލް ސްކިޑް ހުޅުއްވައިދެއްވީ، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޮނިހިރު ދުވަހު އެ ރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ފިއުލް ސްކިޑަކީ، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް ހޯއްދަވައިދެއްވުމުގެ ގޮތުން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް، ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ފިއުލް ސްކިޑްތަކުގެ ތެރޭގައި ހިމެނިގެން ގާއިމުކުރި އެންމެ ފުރަތަމަ ފިއުލް ސްކިޑް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި މަސައްކަތަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި ހަވާލުކުރެވިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން 18 ފިއުލް ސްކިޑެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ސަރުކާރުން އިޢުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމުގެ ޔަޤީންކަން އެސް.ޓީ.އޯ. އިން ދީފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ މި ދަތުރުފުޅުގައި، ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.