އަނިޔާވެރި ގޮތަކަށް ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަށް ލިބުނު އަނިޔާ ތަކަށް އައިޖީއެމްއެޗް ގެ އިމަރޖެންސީ ގައި ފަރުވާ ދެމުން ދާ ކަމަށް މެންބަރުގެ ލޯޔަރު، މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެއެމްވީ އަށް މައުލޫތު ދެއްވަމުން ނިޝާން ވިދާޅުވީ މަސްވެރިން ގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން މައުރޫފް، ފުލުހުން ހައްޔަރު ކުރީ އަނިޔާވެރިކޮށް ކަން ވީޑިއޯ ތަކުން ވެސް ހާމަވާ ކަމަށެވެ. 

އެގޮތުން މައުރޫފް ހުންނެވި ދޯނީގެ ސިޑިން ފުލުހުން މެންބަރު ތިރިއަށް ގެނައީ ދަމާފައި ކަމަށާ އެކަމުގެ ސަބަބުން މައުރޫފް އަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ. 

ލިބުނު އަނިޔާތަކާ ގުޅިގެން މެންބަރަށް ކޮޅަށް ވެސް ހުންނަން އުނދަގޫ ކަން ފާހަގަކޮށް ނިޝާން ވިދާޅުވީ އެ މެންބަރުގެ ސިއްހީ ހާލު ރަނގަޅު ނޫން ކަމަށެވެ. އަދި މިވަގުތު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގެ އިމަރޖެންސީ ރޫމް ގައި ކަމަށެވެ. 

ނިޝާން ވިދާޅުވީ އެޑްމިޓް ކޮށްގެން ވެސް ފަރުވާ ދޭން ޖެހިދާނެ ކަން ޑޮކްޓަރުން ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އިތުރު ފަރުވާ ދޭނެ ގޮތް އަންގާނެ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. 

މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ބަލައި ދިނުމަށް އެދި ސިޓީ އެއް ވެސް ހުށަހަޅާފައިވެ އެވެ. 

އެގޮތުން ފުލުހުން މެންބަރު ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަން ފާހަގަ ކުރެވިފައިވާ ކަމަށް އެސީޓީގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ފުލުހުން ބޭނުންކޮށްފައިވަނީ ގާނޫނާއި ހިލާފަށް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކޮށްގެން ކަމަށާއި މިއީ ކަނޑައެޅިގެން މަޖިލީހުގެ މެންބަރުންގެ ކަރާމާތައް އަރައިގަތުން ކަމަށް ވެސް އެސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.

މެންބަރު ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ވެސް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ވަނީ ހުށަހަޅާފަ އެވެ.

އައިޕީޔޫ ގެ އިތުރުން ކޮމިޓީ އޮން ދަ ހިއުމަން ރައިޓްސް އޮފް ޕާރލިމެންޓޭރިއަންސް އަށާއި ކޮމަންވެލްތު ޕާރލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) އަށް ވެސް މައުރޫފް ހައްޔަރުކުރި މައްސަލަ އެމްޑީޕީ އިން ވަނީ ހުށަހަޅާފަ އެވެ.