ގއ. ދިޔަދޫގައި ހުންނަ ވެމްކޯ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފަކަށް ޑީސަލް ބޮވި، އޭނާ ގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗް ގައި ފަރުވާ ދީފި އެވެ. 

ރާއްޖެ އެމްވީ އަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ، އެ ހާދިސާ ހިނގީ ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން، ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން އަނގައަށް ޑީސަލް އެރި، އެ ޑީސަލް ބޮވިގެން ކަމަށެވެ. އަދި އެ ހާދިސާ ހިނގިތާ ގިނައިރު ނުވަނިސް ފަރުވާ ދިނުމަށް އެ އަތޮޅު ވިިލިނގިލި ހޮސްޕިޓަލް އަށް އޭނާ ގެންދިޔަ ކަމަށް އޭނާ ބުންޏެވެ. 

ފަރުވާ އަށް ގް ވިލިނގިލި ހޮސްޕިޓަލް އަށް ގެންދިޔަ ނަމަވެސް އެ ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެވެން ނެތުމުން އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. އަދި މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން އައިޖީއެމްއެޗް ގެ މީޑިއާ އޮފިޝަލަލް އަށް ގުޅުމުން ވިދާޅުވީ، އެކަމަކީ މީޑިއާ އަށް އެނގިފައިވާ ކަމެއް ނޫން ކަމަށާއި މައުލޫމާތު ސާފުކުރުމަށް ރިކުއެސްޓް ކޮށްފައިވާނެ ކަމަށެވެ. 

އޭގެ އިތުރުން ފުލުހުންގެ ކޮމެންޓަކަށް އެދުމުން ފުލުހުން ބުނީ މިވަގުތާ ހަމަ އަށް އެކަމުގެ މައުލޫމާތު އެނގިފައި ނުވާކަމަށާއި މައުލޫމާތު ސާފުކޮށްފައި ހިއްސާ ކުރާނެ ކަމަށެވެ. އަދި މިކަމާގުޅޭގޮތުން ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް އާއި ގުޅުމުން ކޯލް އަށް އިޖާބަދެއްވާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވަރަށް ފަހުން ސަރުކާރު ކުންފުންޏެއްކަމަށްވާ ސްޓެލްކޯގެ މުވައްޒަފު ވަނީ ވަޒީފާގެ ތެރޭ ދިމާވި ހިތާމަވެރި  ހާދިސާއެއްގެ ސަބަބުން ނިޔާވެފައެވެ.