ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިހާރުން މިހާރަށް އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފި އެވެ.

ރައީސް ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޒާހަރާއިން ހައްޔަރުކުރި މައުރޫފް ޒާކިރު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފައިވެ އެވެ. މައުރޫފަކީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑިންގ މެމްބަރު އަދި މިހާރުވެސް އެ ޖަމިއްޔާގެ ސެކްރެޓްރީ ޖެނެރަލްގެ މަގާމު އަދާކުރައްވާ ފަރާތެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މައުރޫފްގެ ބަންދަށް ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ފަސް ދުވަސް ޖަހާފައިވެ އެވެ. ބޮޑު ކަންނެލި މަސްވެރިން ކުރަމުން ދިޔަ މުޒާހަރާ ރުޅާލައި މައުރޫފާއި ދެ ކެޔޮޅަކާއި ހަތަރު ބިދޭސީއަކު ފުލުހުން ހައްޔަރު ކުރި އެވެ. މިހާތަނަށް މުއްދަތު ޖެހިކަން ކަށަވަރުވީ މައުރޫފާއި މީގެތެރެއިން އެއް ކެޔޮޅަކަށެވެ.

މައުރޫފް ބަންދުކުރަން ކޯޓުން އަމުރުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓިން އޭނާ ބަންދުކުރި މައްސަލަ ބަލަން ނިންމާފައިވެ އެވެ. އަދި މައުރޫފް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިންޓަ ޕާލިމެންޓަރީ ޔޫނިއަނަށް ވެސް މައްސަލަ ހުށަހަޅާފައިވެ އެވެ.

ފުލުހުން މިހާތަނަށް ދިން މައުލޫމާތުގައި ބުނީ ހައްޔަރުކުރި މީހުންނަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި މައްސަލައިގައި ހައްޔަރުކުރި މީހުން ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ މަސްވެރިންގެ ދުވަހު އެވެ. އެ މުޒާހަރާ ފެށީ 49 ކަންނެލި މަސްވެރިކަން ކުރާ އޮޑިފަހަރާ އެކީގަ އެވެ. މުޒާހަރާގައި ބައިވެރިވި އުޅަނދުތައް ހުޅުމާލެ ބަނދަރުން ނުކުމެގެން އައިސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ނަގިލި ލައިގެން ތިބީ މާލޭގެ ބޭރު ތޮށީގެ ބޭރުން ކަނޑުގަ އެވެ. އެހެން ތިއްބައި ޑިސެމްބަރު 11 ވަނަ ދުވަހުގެ ހެނދުނު ފުލުހުން ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ. އަދި 3 ދޯންޔެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދޫ އަށް ގެންގޮސްފަ އެވެ.  

މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރި އެވެ. އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު އަށްޑިހި ރުފިޔާއާއި ސަތޭކަ ރުފިޔާއާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ދުވަސް ވެފައިވާއިރު ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދުމުގެ ކޮޅުމަތިވެސް ނުފެންނަ ކަމަށް މުޒާހަރާގެ ބައިވެރިން ފާހަގަކޮށްފައިވެ އެވެ. އަދި މިއަދާ ހަމަޔަށް އައިއިރު ވެސް ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ސަރުކާރުން ހޯދަދީފައި ނުވުމުން ދޭހަވަނީ ރައީސް މުއިއްޒަކީ އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ނެތި ވައުދުވާ ވެރިއެއް ކަމުގަ އެވެ.