ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ މައްޗަށް ކުރަނީ ތިން ތުހުމަތު ކަން ހާމަ ވެއްޖެ އެވެ. 

މި މަހުގެ 10 ވަނަ ދުވަހު ފެށި މަސްވެރިންގެ އިހުތިޖާޖުން ހައްޔަރު ކޮށްފައިވާ މެންބަރު މައުރޫފް އާއި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހުކުރު ދުވަހުގެ މެންދުރު ވަނީ ހާޒިރު ކޮށްފަ އެވެ. 

މި މައްސަލައިގައި މެންބަރު މައުރޫފް އަށް ފުލުހުން  ކުރާ ތުހުމަތުތަކަކީ  ކަނޑުދަތުރުފަތުރު ކުރުމަށް ހުރަސްއެޅުމާއި، ކޯސްޓް ގާޑް އުޅަނދަށް ގެއްލުން ދިނުމުގެ ތުހުމަތު ގެ އިތުރުން  ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ. 

މައްސަލައިގައި ލިބިފައިވާ ހެކީ ގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ފުލުހުން ދީފައިވާ ބަޔާން ތަކެވެ. އަދި އިތުރަށް ކުރަން ހުރި ކަންކަމުގެ ތެރޭގައި ވީޑިއޯ ފުޓޭޖް ހޯދުމާއި އެނަލައިޒް ކުރުމާއި، މެންބަރު މައުރޫފް ގެ ބަޔާން ނެގުމާއި، އިތުރު ހެކި ލިބޭތޯ ބެލުމުގެ އިތުރުން ދައުވާ ކުރުމާއި މެދު ޕީޖީ އާއި މަޝްވަރާ ކުރުން ހިމެނެ އެވެ. 

މެންބަރު މައުރޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ބަލައި ދިނުމަށް އެދި ހުށަޅާފައިވާއިރު ބުރާސްފަތި ދުވަހުގެ ރޭ އެ ކޮމިޓީ ބައްދަލު ވުމެއް ވެސް ވަނީ ބާއްވާފަ އެވެ. ނަމަވެސް  އިމްތިޔާޒާއި ސުލޫކު ކޮމެޓީގައި ވޯޓަށް އަހަން ބޭނުންވާ ވަރަށް މިންވަރަށް މެމްބަރުން ހަމަ ނުވުމުން އެއްވެސް ކަމަކަށް ވޯޓަށް އެހޭ ގޮތެއް ނުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީ އަށް ހާޒިރުވީ 5 މެމްބަރުންނެވެ. ވޯޓަށް އަހަން ކޯރަމް ހަމަ ވަނީ 6 މެމްބަރުން ކޮމިޓީގެ ބައްދަލުވުމުގައި ތިބެގެންނެވެ.

ކޮމިޓީ އަށް ހާޒިރުވި 5 މެމްބަރުންނަކީ ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ކަނޑިތީމް ދާއިރާގެ މެމްބަރު އަމީން ފައިސަލް ގެ އިތުރުން، ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް، މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އަދި މަޑަވެލި ދައިރާގެ މެމްބަރު މުހައްމަދު ޝަމީޒް އެވެ. 

މި ކޮމިޓީގައި ތިއްބަވާ 11 މެންބަރުންގެ ތެރެއިން މި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވަނީ މެދުހެންވޭރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ނާސިހް އާއި، މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގް އާއި، މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އާއި، ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަސްލަމް އާއި، ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގް ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރްޒޫގް އެވެ. 

މި ބައްދަލުވުން ފެށިތާ 10 ވަރަކަށް މިނިޓު ތެރޭގައި ބައްދަލުވުން ވަނީ ނިންމާލާފަ އެވެ.

މައުރޫފް ހައްޔަރު ކުރީ ރައްޔިތުން ގެ މަޖިލީހު ގެ މެމްބަރުންނަށް ލިބޭ އިމްތިޔާޒުތަކާއި ވެސް ޚިލާފަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. 

އެމްޑީޕީގެ ބަޔާނުގައި ވަނީ ޚިޔާލުފާޅުކުރު މާއި އެއްވެ އުޅުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ކަންކަމަށް ވާއިރު އެ އިހުތިޖާޖު ގެ ބައިވެރިން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ބުނެފަ އެވެ.

އެ އިހުތިޖާޖުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް އެ ޕާޓީ އިން ވަނީ ގޮވާލާފަ އެވެ. ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާތީ އެކަމަށް ވެސް އެ ޕާޓީ އިން ވަނީ ފާޑު ކިޔާފަ އެވެ. ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި މުޒާހަރާ އަށް ފުލުހުން ފޮނުވައިގެން އަމަލު ކުރި ގޮތަށް އެ ބަޔާނުގައި ފާޑު ކިޔާފައި ވެ އެވެ.

މެންބަރު މައުރޫފް އާއި އިތުރު އިހުތިޖާޖުން ހައްޔަރު ކުރި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާއި ދެކޮޅަށް ކްރިމިނަލް ކޯޓު ކައިރީ، އެމްޑީޕީ އިން ސުލްހަވެރި އިހުތިޖާޖެއް ކުރާ އިރު އެ އިހުތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މަސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.