ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ކަމަށާއި، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ 500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ.ގޮއިދޫގައި ފާއިތުވި 5 އަހަރުގެ ތެރޭ ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާ ކަމަށެވެ. މިކަން ސަމާލު ކަމަށް އައިސްފައިވަނީ  ގައިން ގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވެ އެރަށުގެ ރައްޔިތުން މިކަން ބަލައިިދިނުމަށް ހެލްތް މިނިސްޓްރީ ގައި އެދުމުން ކަމަށާއި، އޭގެ ކުރިން ސަރުކާރަށް ވާނުވާ ނޭނގޭ ކަމަށެވެ. 

ރާއްޖޭ އަކީ ގާތްގަނޑަކަށް ހުރިހާ އެއްޗެއް އިމްޕޯޓު ކުރާ ގައުމެއްކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ ޚާއްސަކޮށް އިމްޕޯޓު ކުރާ ކާބޯތަކެތި ޓެސްޓު ކުރެވޭނެ އިންތިޒާމު ހުންނަން ޖެހޭ ކަމަށާއި، މިކަމަށް ޚާއްސަ ލެބޯޓްރީއެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ޓެސްޓު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަަމަށާއި، ގައިންގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވި ނަމަވެސް އެކަން މެދުވެރިވާ ސަބަބު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އަމްރު ވިދާޅުވި އެވެ.

އަޅުގަނޑު އެސްޓީއޯގައި ހުރިއިރުގައި ބެލިން އާއްމުކޮށް ރާއްޖޭގައި ދާއިމީ ގޮތެއްގައި ބޭސް ކާ މީހުން އެއީ ކޮން ބައެއްތޯ ކޮންކަހަކަ ބޭހެއްތޯ މިކަނީ.  އެ ބެލީ އެރަށްރަށަށް ބޭސް ހުސްނުވެ ފޯރުކޮށްދިނުމަށްޓަކައި. އެފާމަސީތަކަށް. އެހެން ބެލިއިރު އަޅުގަނޑުމެންނަށް ފާހަގަވީ ރާއްޖޭގެ ބައެއް ރަށްރަށުގައި އާދަޔާ ހިލާފަށް ހަމަ ގާތްގަނޑަކަށް 60 ޕަސެންޓް ރަށުގެ  ލޭ މައްޗަށް ދޭ. އެއަތޮޅުގެ އެހެން ރަށްރަށުގައި އެހެން ދިމާނުވޭ.  ދެން ބައެއް ރަށްރަށުގައި ހިތުގެ ބަލި. ހަމަ އިންތިހާއަށް ބޮޑު ގިނަ. އެހެންވީމަ ބަލަން ޖެހޭ އެރަށްރަށުގައި އެހެންވަނީ ކީއްވެ. ކުޑަކުޑަ އެފަޓެއް ލިޔަސް އެނގޭވަރުގެ ކަންކަން މިއީ.
 އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު

އަމްރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އެކިއެކި މަސައްކަތްތައް ކުރާއިރު، ފައިބަރުގެ މަސައްކަތް ކުރާ ރަށްތައް ވެސް ގިނަ ކަމަށެވެ. ފައިބަރަކީ ހަށިގަނޑަށް ނުރައްކާތެރި އެއްޗެއް ނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދުގައި މި މަސައްކަތް ކުރާ ކަމަށާއި، މިކަން ވެސް ބަލާނެ މުއައްސަސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އަމްރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިހައި ބޮޑަށް ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅިގެންދާ ސަބަބު ބަލަންޖެހޭ ކަމަށާއި، ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހުޅުވުމުން މައްސަލަ ހައްލު ނުވާ ކަމަށެވެ. އަދި އަސްލު މައްސަލަ ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.