މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ކުރާ މުޒާހަރާގައި މަސްވެރިންނާއި އެ ޖަމިއްޔާގެ ފައުންޑަރ މެންބަރު މައުރޫފް ޒާކިރު ހައްޔަރު ކުރުމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ފުއްދުމަށް އެދި، މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ފަޅުވެރިންނާ އެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މައުރޫފް ޒާކިރު ހައްޔަރު ކޮށްފައިވާ ކަމަށާއި، ގައުމު ބިނާކުރި، އަޅުގަނޑުމެންގެ އިގްތިސާދާއި އައިޑެންޓިޓީގެ މައިބަދަ ކަމުގައިވާ މަސްވެރިކަމުގެ ދޯނިތަކަށް ފުލުހުން ފޮނުވާ ސަރުކާރަކީ މަސްވެރިން ފެއިލްކޮށްފައިވާ ސަރުކާރެއް ކަމަށެވެ. އަދި މިއީ ވެރިކަން ކުރުމުގެ އަޚްލާގީ ބާރު ވެސް ގެއްލިފައިވާ ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ މެންބަރު މައުރޫފު އާއި ހައްޔަރުކުރެވިފައިވާ ފަޅުވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.

ބުދަ ދުވަހުން ފެށިގެން 49 ކަންނެލި ދޯނީގައި މަސްވެރިން މުޒާހަރާ ކުރަމުން އަންނަނިކޮށް، އެ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ ފުލުހުން ވަނީ ދޯނިތަކަށް އަރާފަ އެވެ. އަދި މައުރޫފު ހިމެނޭހެން 2 މީހަކު ހައްޔަރު ކުރި އިރު، 2 ދޯންޏެއް ވަނީ ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.