32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިންގެ މާރާމާރީގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މާރާމާރީ ހިންގާފައިވަނީ 9 ޑިސެންބަރު 2025 ގަ އެވެ.

ފުލުހުން ބުނީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް އަންގާރަ ދުވަހުގެ ހެނދުނު 10:05 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީ ގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ.

މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. މި މާރާމާރީގައި ދެމީހުންނަށް ވެސް އަނިޔާވެފައިވާތީ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިހާތަނަށް ބެލިބެލުމުން މި މާރާމާރީ އަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން 32 އަހަރުގެ އަންހެން މީހާ ވަނީ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.