ފުށިދިއްގަރުފަޅު ހިއްކައިގެން ކުރިއަށް ގެންދާ މަޝްރޫއަކީ މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހު ފެށުނު، މި ސަރުކާރުގެ އެންމެ ބޮޑު ކޮރަޕްޝަން މަޝްރޫއު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރަސްމާލެ އަކީ ބޮޑު ކޮރަޕްޝަނެއް ކަމަށެވެ. އަދި އެކި ފަހަރު މަތިން ދެއްކެވި ވާހަކަތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ މަޝްރޫއު ފެށުމާއެކު މި ސަރުކާރުން ކުރި މަސައްކަތަކީ ބިންތައް އެތަން މިތަނުން ނުވެސް އެނގޭ ބަޔަކަށް ބަހާލުމުގެ މަސައްކަތް ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުގައި ނުޖަހާ ކުރިއަށް ގެންދެވޭނެ މަޝްރޫއު އެއް ނޫނެވެ. މިހާރު ސަރުކާރުން އެކަން ކުރާ ގޮތުން އޭގައި ކޮރަޕްޝަން ހިމެނޭނެ ކަމަށް ޔާމީން ވަނީ މީގެ ކުރިން ވެސް ތުހުމަތު ކުރައްވާފަ އެވެ.

ކުރިޔަށް އޮތް ފަސް މަސް ދުވަސް ތެރޭގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެ ބިން ހިއްކާ ނިމޭ އިރު 15000 ގޯތި ދޫކުރާނެ ފަރާތްތަށް ކަނޑައަޅާ ނިމިފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ.

ރަސްމާލެ ހިއްކާ ނިންމާނެ ތަފާތު ތާރީހުތައް ރައީސް މުއިއްޒު މިވަނީ އެކި ފަހަރު މަތިން ދެއްވާފަ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެންމެ އިސްކަމެއް ދީގެން ކުރިޔަށްގެންދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ފެށީ 8 މަސް ދުވަސް ތެރޭ މަސައްކަތް ފުރިހަމަވާނެ ކަމަށް ބުނެ އެވެ.

ނަމަވެސް މިހާރު އޭގެ ފަހުން 22 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ހިއްކަން ހަމަޖެހިފައިވާ 1100 ހެކްޓަރުގެ ތެރެއިން އަދި ނިމިފައިވަނީ އެންމެ 16 އިންސައްތަ ބިން ހިއްކުމުގެ މަސައްކަތެވެ. ސަރުކާރުގެ ބަޖެޓުން އެންމެ ލޯ ލާރިއެއްވެސް ހަރަދު ނުކުރާނަމޭ ރައީސް މުއިއްޒު ވިދާޅުވި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން މިހާރުވެސް ވަނީ އެތައް މިލިއަން ޑޮލަރެއް ހަރަދު ކޮށްފަ އެވެ. އަދި ކުޅޭ ކުޅިވަރަކަށް ހަދާ މަސައްކަތުގެ ކޮންޓްރެކްޓަރުން ވެސް އެކި ފަހަރުމަތިން ބަދަލު ކޮށްފައިވެ އެވެ.