ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައްދަވާ ދޮގުތައް މިސަރުކާރު ގެ ސިޔާސަތާއެކު ރައްޔިތުންނަށް ހާމަވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ ކަމަށް ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސެއިން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމް ގައި ކައުންސިލް ގެ ރައީސް ޝިފާގު ވަނީ މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކައުންސިލްތަކަށް އިތުރު ބާރުވެރިކަން ހޯދައިދޭނެ ކަމަށް ވައުދުވެވަޑައިގެން ކަމަށާއި، ނަމަވެސް މަސައްކަތް ކުރައްވަނީ އެއާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް މި ސަރުކާރުން އުފެއްދީ ކައުންސިލްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކާ ފަސޭކަން ގެނެސްދިނުމަށްކަން ފާހަގަކުރައްވައި ޝިފާގު ވިދާޅުވީ އެމިނިސްޓްރީ އުފައްދައިގެން ކައުންސިލްތަކަށް ހޯއްދަވައިދެވުނު ބާރެއް ނެތް ކަމަށާއި، އެކަން ހުރިހާ ރައްޔިތުން މިއަދު ގަބޫލު ކުރާނެ ކަމަށެވެ. އެ މިނިސްޓްރީއާއެކު ކައުންސިލްތަކަށް ކުރިއެރުމެއް ނުލިބުނު ނަމަވެސްއެމިނިސްޓްރީން ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ހަމަޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝިފާގު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރާނެ ކަމަށް ބުނި ނަމަވެސް މިސަރުކާރުން ކައުންސިލްތަކުގެ ހުރިހާ ބާރެއް ނަގަމުންދާ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ ބައިވެރިވުމެއް ވެސް ރައްޔިތުންގެ ހިޔާލެއް ވެސް ނުހޯދާ ކަމަށެވެ.
ޝިފާގު ވިދާޅުވީ ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ނުވަތަ ލަސްވުމުން އެކަމުން ސަލާމަތްވުމަށް ކައުންސިލްތަކުގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވާ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުން ނޫން ކަމަށެވެ.
އެއީ މިސަރުކާރުގެ ބޮޑު ފެއިލްވުމަކުން ދިމާވާ މައްސަލައެއް ކަމަށާއި، ނަމަވެސް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް ވެސް ދޮގު ހަދަމުންދާ ކަަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެއްވެސް ކައުންސިލަކުން ތަރައްގީގެ މަޝްރޫއަށް ހުރަސްނާޅާނެ ކަމަށާއި، މިއަދު މިކަން ވެސް ވަރަށް ސާފުކޮށް ރައްޔިތުންނަށް ހާމަވަމުންދާ ކަމަށެވެ.
ޝިފާގު ވިދާޅުވީ މިސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭ ކަމަށާއި، ކާމިޔާބު ކަމާއެކު ނިންމާލެވުނު އެއްވެސް ޕްރޮޖެކްޓެއް ނެތް ކަމަށެވެ. ނަމަވެސް ވަރަށް ކާމިޔާބު ކަމާއެކު ވަރަށް ގިނަ ވައުދުތައް ރައީސް މުއިއްޒު ވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ބަހަނާ ސަރުކާރެއް ކަމަށާއި، ރައްޔިތުން ވެސް އެކަން ގަބޫލު ކުރާ ކަމަށެވެ.