މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ، ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއް ގައި ބުނީ، ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް އެ ކޯޕަރޭޝަން ގެ ނަމުގައި، އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހައްޖަށް މީހުން ގެންދިޔުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ، އިސްލާމްދީނުގެ މާތް އަޅުކަމާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މިފަދަ ކަންކަމަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ހައްޖު ކޯޕަރޭޝަން ގެ ފަރާތުން އާއްމު ކޮށްފައިވާ ހައްޖަށް ދިޔުމަށް ފައިސާ ދެއްކުމުގެ އުސޫލު ގައި އޮންނަނީ، ހައްޖު އެކައުންޓެއް ހުޅުވުމަށްފަހު، ކަނޑައަޅާފައިވާ ހައްޖުގެ އަގުގެ 75 ޕަސަންޓު ހަމަކުރުމުން ހައްޖަށް ދިއުމުގެ ޖާގަ، ކިއުއިން ރިޒާވްކޮށް ލިސްޓުގައި ހިމެނޭ ގޮތަށެވެ. ހައްޖަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަނުން މިހާރު ކަނޑައަޅާފައިވާ އަގަކީ 69،965 ރުފިޔާ އެވެ.