މާލެ އާއި ހުޅުމާލެގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތު ގެ ތެރެއިން ދެ ދުވަސް ތެރޭ 100 އަށްވުރެ ގިނަ އުޅަނދު ފުލުހުން ޓޯ ކޮށްފި އެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ޖުމްލަ 142 އުޅަނދު ޓޯކޮށްފައިވެ އެވެ. މި އުޅަނދުތަކުގެ ތެރެއިން މާލެއިން ޓޯކުރީ 91 އުޅަނދެވެ. އަދި ހުޅުމާލެއިން ޓޯކުރީ 51 އުޅަނދެވެ.

ޓޯކުރި އުޅަނދުތަކުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ދެ ފުރޮޅުލީ އުޅަނދުތަކެވެ. މިދިޔަ ދެ ދުވަހު ދެފުރޮޅުލީ 121 އުޅަނދު ޓޯކޮށްފައިވާއިރު، ހަތަރު ފުރޮޅުލީ 21 އުޅަނދެއް ވަނީ ޓޯކޮށްފަ އެވެ.

ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތަފްސީލުތައް ބަލާއިރު، އެންމެ ގިނައިން ޓޯކުރީ ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެވެ. މި ބާވަތުގެ 41 އުޅަނދު ޓޯކޮށްފައިވެ އެވެ.

މީގެ އިތުރުން ލައިސަންސް ނެތި ދުއްވައިގެން ހަތް އުޅަނދު ޓޯކޮށްފައިވާއިރު، ނުރައްކާތެރިކޮށް ދުއްވި އުޅަނދަކާއި ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވި އުޅަނދެއް ވެސް ވަނީ ޓޯކޮށްފަ އެވެ. ޓޯކުރުމުގެ އިތުރުން ފުލުހުން ވަނީ ހުޅުމާލޭގައި މިދިޔަ ދެ ދުވަހު ވިހި އުޅަނދެއް ޓްރެފިކް ޖޫރިމަނާކޮށްފަ އެވެ.