ސަރުކާރުން ބޭނުންވާ ކޮންމެވެސް މީހަކު ޕޮލިސް ކޮމިޝަނަރު (ސީޕީ)ގެ މަގާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ)ން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މީކާއީލް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ވެފައިވާއިރު، ޕޮލިސް ކޮމިޝަނަރެއް ފައިނަލް ނުވާ ކަމަށާއި، މިހާރު ވެސް މަޖިލީހުގެ 241 ކޮމެޓީގައި ވަކި ބޭފުޅަކު އެ މަގާމަށް ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މެންބަރު މީކާއީލް ވިދާޅުވީ މި ސަރުކާރު ބޭނުންވާ ގޮތަށް މިހާރުގެ ސީޕީ އިސްމާއީލް ނަވީން ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، ވަކި ބޭފުޅަކު ގެނައުމަށްޓަކައި ސިފްކޯގެ ރިޕޯޓާއި، ޕޮލްކޯގެ ރިޕޯޓުގެ މައްސަލަ ހުށަހެޅީ ކަމަށެވެ. އަދި ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، މިމައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު ނޭޅި ސަބަބާމެދު މެންބަރު މީކާއީލް ވަނީ ސުވާލު އުފައްދާފަ އެވެ.

މިފަހުން ފުލުހުންގެ އިސް ބޭފުޅުންނާ ގުޅުންހުރި ގިނަ މައްސަލަތަކެއް މާލިއްޔަތު އަދި 241 ކޮމެޓީން ވަނީ ބަލަން ފަށާފަ އެވެ. އަދި 3 ނޮވެންބަރު 2025 ގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކެއްގެ މައްސަލަ 241 ކޮމެޓީ އަށް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕޮލްކޯގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ. އަދި ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ޕޮލްކޯގެ ބޯޑުގައި ހިމެނުނު ފަސް ފުލުހަކު ސަސްޕެންޑް ކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

ސަސްޕެންޑުކުރަން ލަފާދޭން ކޮމިޓީން ފާސްކުރީ ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މޫސާ އަލީ، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު އަބްދުއްރަހުމާން، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރަޝީދު (މޮންސި) އަދި އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ބަޝީރެވެ. އަދި ކޮމިޓީއަށް ވިސްލްބްލޯވަރަކު ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ބުނެ ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އަދި ސުޕްރިޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމް ވެސް ސަސްޕެންޑް ކުރުމަށް ވަނީ ފާސް ކޮށްފަ އެވެ.

މީގެ އިތުރުން ޕޮލްކޯ މައްސަލައިގައި ފިޔަވަޅު އަޅަން ލަފާދޭން ނިންމި ފުލުހުންގެ ތެރޭގައި އޭރުގެ ބޯޑުގައި ހިމެނުނު ދެ ބޭފުޅެއްގެ ނަން ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެއީ ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އިބްރާހިމް ނަބީލް އަދި ސުޕްރިޑެންޓް އޮފް ޕޮލިސް، އަބްދުލް މަތީން އަބްދުލްކަރީމް އެވެ.