އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެދިވަޑައިގެންފި އެވެ.

ސީޕީ މިކަމަަށް އެދިވަޑައިގަތީ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ އިންސްޕެކްޓަރ ކޯހުގެ 5 ވަނަ ބުރު ނިންމައި ދަސްވެނިންނަށް ސެޓްފިކެޓް ދިނުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވަނީ އެއްބައިވަންތަކަމާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވައި، ވަޒީފާގައި ކުރިމަތިލާންޖެހޭ ގޮންޖެހުން ތަކުން އަރައިގަތުމަށް ގުޅިގެން، އެއް މިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.

އަދި ކޯސް ފުރިހަމަކުރި ދަރިވަރުން އަމަލީ މައިދާނަށް ނިކުންނައިރު މި ހިދުމަތުން އުންމީދުކުރާ ގާބިލިއްޔަތުކަން ދައްކައިދިނުމަށާއި ނަޒާހަތްތެރިކަމާއެކު ލީޑްކުރެއްވުމަށާއި އިންސާފުވެރިކަމާއެކު މަގުދައްކައިދެއްވުމަށާއި ކަންކަން އިސްލާހު ކުރުމަށް މަސައްކަތްކޮށްދެެއްވުމަށް ސީޕީ އިލްތިމާސް ކުރެއްވި އެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަހަރުގެ ސެޕްޓެންބަރު 28ން 8 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 30 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެ އެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަދުހަމް އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޢަބްދުލްރަހްމާން އަދި ބައެއް އެގްޒެކެޓިވް އޮފިސަރުން ގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވި އެވެ.