ޑިޖިޓަލް ޒަމާނަކަށް ދަތުރުކުރާ ކަމަށް ވިދާޅުވެ، ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ކޭޝް މޯ ޕޮލިސީ ރަށްރަށުގައި ތައާރަފް ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، "މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލް ކުރާނެ ކަމަށް ސަރުކާރުން ބުނާ ކަމަށާއި، ރައީސް މުއިއްޒު އަމަލު ކުރައްވަނީ އެއާ ދެކޮޅަށް ކަމަށެވެ.

އެގޮތުން މި އަހަރު މުޅި ރާއްޖޭގައި މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ކަމަށާއި، އަންނަ އަހަރު އޮތީ ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދައްކަވާ ވާހަކައާ އަމަލު ދިމާނުވާކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ، ރައީސް ޕްރޮމޯޓް ކުރައްވަނީ ކޭޝް މޯ ޕޮލިސީ ކަމަށާއި، ރަށްރަށުގައި ކޭޝް ނަގާ ޕޮލިސީ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ވަރަށް ގިނަ ރަށްރަށުން މި ޚިދުމަތް ލިބޭ ކަމަށް ސަރުކާރުން ބުނަމުންދާ ކަމަށާއި، މިއީ ވެސް އޮޅުވާލުމެއް ކަމަށެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިހާރު ވެސް ޕާސްޕޯޓު ޕްރިންޓް ކުރަނީ މާލެއިން ކަމަށާއި، ޕްރިންޓް ކޮށްގެން ރަށްރަށަށް ގެންދަނީ ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށް ބޮޑަށް ބަލަން ޖެހޭ ޑޮކިއުމެންޓެއް ކަމަށާއި، ކޮންމެ ގޮތަކަށް ނުވަތަ ކޮންމެ ކޮންމެ ބަޔަކަށް ޕާސްޕޯޓް ޕްރިންޓް ކުރެވިގެން ނުވާނެ ކަމަށެވެ. މިގޮތަށް މިކަން ކުރެވޭ ކަމަށްވާނަމަ ފޯޖް ކުރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށާއި، މިއީ ބިރުވެރި ކަމެއް ކަމަށެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ގައުމާ ރައްޔިތުންނަށް ލިބޭ ފައިދާއަށް ބެލުމެއް ނެތި ކަމަށާއި، ކަމެއް ކުރާއިރު، ނުކުންނަ ނަތީޖާ އަށް ވެސް ބެލުމެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ކުރި ކަންކަމުން ރައްޔިތުންގެ ޖީބަށް ބަރުވުން ނޫން ކަމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.