ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރާ ވާހަކަ ދައްކަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ވާހަކަ އަކީ ރައްޔިތުން ގަބޫލުކުރާނެ ވާހަކަ އެއް ނޫން ކަމަށެވެ. އަދި ހަރަދު ކުޑަކުރަން ވެއްޖެއްޔާ ރަށު ކައުންސިލްތައް ވެސް އުވާލާ ކަތީބެއް އެކަނި ހުންނަ ގޮތަށް ވެސް ހެދިދާނެ ކަމަށެވެ. ނަމަވެސް ހަރަދު ކުޑަކުރަން އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލަރުންގެ އަދަދު މަދުކުރަން ވާހަކަ ދެއްކީ އެވާހަކަ ގަބޫލުކުރެވޭނެ ގޮތެއް ނެތް ކަމަށާއި، 60 މިލިއަން ހަރަދުކޮށްގެން މާލެއަށް މީހުން އެރުވިތާ އަދި 2 ހަފްތާއެއް ނުވާ ކަމަށެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުން ހަރަދު ކުޑަ ނުކުރާނެ ކަމަށާއި، އަނެއްކާ ވެސް އުޅެނީ ސަރުކާރުން ބޭނުންވާ ސިޔާސީ މީހުންތަކެއް ވައްދަން ކަމަށެވެ. ޔާމީން ވަނީ އެމްއޭސީއެލްއަށް 40 ހާހުން މުސާރަ ދީފައި ވައްދާފައި ތިބި މީހުންނަކީ ކީއްކުރަން ވައްދާފައި ތިބި ބައެއްތޯ ސުވާލު އުފައްދަވާފަ އެވެ.

ޔާމީން މިފަދައިން ވިދާޅުވި އިރު، އޮޑިޓާ ޖެެނެރަލް ހުސައިން ނިޔާޒީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައިވަނީ ބަޖެޓުގައި ޚަރަދު ކުޑަކުރުމުގެ ވާހަކަ އެހެން އަހަރުތަކުގައި ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް މި އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަ ކުރުމަށް ކަންތައްތަކެއް ހިމަނާފައި ނުވާ ކަމަށެވެ. އަދި ޚަރަދު ކުޑަ ކުރުމަށް ދެމެހެއްޓެނެވި ސިޔާސަތެއް ވެސް ނެތް ކަން ފާހަގަ ކުރައްވާ އެކަމުގެ ކަންބޮޑުވުން ނިޔާޒީ ވަނީ ފާޅުކުރައްވާފަ އެވެ. އޭނާ ވަނީ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ދިގު ދަންމާ ލެވޭނީ ކިހާ ދުވަހަކަށްތޯ ސުވާލު އުފައްދަވާފަ އެވެ. އެކަމުގެ ނޭދެވޭ ނަތީޖާ އާއި ފަހުން ކުތިމަތިލާން ޖެހޭނެކަން އެނާ ވަނީ ފާހަގަކުރައްވާފަ އެވެ.