މި ސަރުކާރަށްވުރެ ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ބަޔަކު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް ވެއްޖެ އެވެ.
ސަރުކާރުގެ ޓެކްސީ ފްލީޓެއް ތައާރަފް ކޮށް އެ މަސައްކަތް ކުރާތީ ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތޮުން މިހާތަނަށް ސަރުކާރުން ހައްލެއް ހޯދާފައި ނުވާ އިރު އެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް އަށް ސިޓިއެއް ފޮނުވީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް މިހާތަނަށް ރައީސް އެކަމަށް އަޅާލާފައި ނުވާ އިރު، ޓްރާންސްޕޯޓް މިނިސްޓަރު އުޅުއްވަނީ ޓެކްސީ ޑްރައިވަރުންނަށް ފިއްލަވައިގެންނެވެ.
ރައީސް މުއިއްޒު މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރަން މިހާތަނަށް 2 ބައްދަލުވުމެއް ބާއްވާފައިވާ އިރު، މި ދެ ބައްދަލުވުމުގައި ވެސް ޓެކްސީ ކުރާ ފަރާތްތަކުން ވަނީ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
އެގޮތުން 23 ނޮވެމްބަރުގައި ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރި އިރު، ޓެކްސީ ޑްރައިވަރެއް ވަނީ ޓެކްސީ ނަފާ ލޯނުގެ ދަށުން ކާރުތައް ގެނެސްފައިވާ ކަމަށް ބުނެފަ އެވެ. އަދި ޑްރައިވަރސް އެސޯސިއޭޝަންގެ ފަރާތުން ރައީސް އަށް ސީޓީ އެއް ފޮނުވާފައިވާނެ ކަމަށާއި، ނަމަވެސް ރައީސް އާއި ބައްދަލުކުރަން އެދުނު ނަމަވެސް އެކަން ނުވާތީ ކަންބޮޑުވުން އޮތް ކަމަށް ވާހަކަ ދެއްކި ޑްރައިވަރު ބުންޏެވެ.
ނަމަވެސް އެ ބައްދަލުވުން ނިމިގެން ދިޔަ އިރު ވެސް ޓެކްސީ ނަފާ ގުޅޭ ގޮތުން ހުށަހެޅި ކަންބޮޑުވުމާއި ގުޅޭ ގޮތުން ރައީސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
މީގެ އިތުރުން މައްޗަންގޮޅި ރައްޔިތުންނާއި ބައްދަލުކުރުމަށް 25 ނޮވެމްބަރުގައި އަމީނިއްޔާ ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ވެސް ޓެކްސީ ޑްރައިވަރުން ވަނީ ކަންބޮޑުވުން ހުށަހަޅާފަ އެވެ. ޓެކްސީ ކުރާ މިސްބާހު ޝަރީފު ބުނީ ރައީސް އަކީ ރައްޔިތުންގެ ފަޅީގައި ހުންނަވާ ބޭފުޅެއް ކަމަށް ވިދާޅުވި ނަމަވެސް ޓެކްސީ ޑްރައިވަރުންނާއި އެ ޑްރައިވަރުންގެ އާއިލާތައް ރައްޔިތުންގެ ފަޅިއަށް ނުވާތީ ހިތާމަކުރާ ކަމަށެވެ. އޭނާ ބުނީ އެހެން ބުނަން ޖެހުނީ ރައީސް ބައްދަލުކުރުމަށް ޑްރައިވަރުންޖެ ޖަމިއްޔާއިން ރައީސް އާއި ބައްދަލުކުރަން އެދުމުން ވެސް ޖަވާބެއް މިހާތަނަށް ނުލިބޭ ކަމަށެވެ.
މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އިން ނަމަވެސް ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދެއްކި އެހެން ޓެކްސީ ޑްރައިވަރެއް ކަމަށްވާ އާދަމް ސަލީމް ބުނީ ޓެކްސީ ނަފާ ލޯނުގައި ޑްރައިވަރުން ޖެހިފައިވާ އިރު، އެކަމުގެ ހުރި ކަންބޮޑުވުންތަކާއެކު ރައީސް އަށް 14 ޖުލައިގައި ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި މި ލޯނުގައި ވަރަށް ބައިވަރު ކަންކަން އެބަހުރި ކަމަށާއި، އެހެންކަމުން އެކަންކަން ހިއްސާކުރަން ބޭނުންވާ ކަމަށެވެ. ސަލީމް ބުނީ ބައެއް ޑްރައިވަރުންނަށް ކާރު ނުލިބި އެސްއެމްއީ އިން ލޯނު ދައްކަން އަންގާފައިވާ ކަމަށާއި، ނަމަވެސް އެއީ ޑްރައިވަރުންގެ މައްސަލައެއް ނޫން ކަމަށެވެ.
ދެ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ރައީސް އަށް އިއްވި ނަމަވެސް އެ ކަންބޮވުންތަކާއި ގުޅިގެން އެދެވޭ ހައްލެއް ގެނެވޭނެކަމަށް ރައީސް އަށް ވިދާޅެއް ނުވެވުނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށްވުރެ ޓެކްސީ ޑުރައިވަރުން ވެލިޔުކުރާ ބަޔަކު ނެތް ކަމަށެވެ. އެހެން ދެންނެވެން އެބައޮތް ކަމަށާއި، އެއީ، ޓެކްސީ ޑުރައިވަރުންނަށް ހައުސިންގ ޕްރޮގްރާމެއް ހިންގައިދޭނެ ކަމަށް ވިދާޅުވި ކަމަށާއި، މިފަހަރު އަޅާ ފުލެޓުތަކުގެ ތެރެއިން ޓެކްސީ ޑުރައިވަރު ކެޓަގަރީ ހިމަނާފައި އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ދެން ރައީސް ވިދާޅުވީ ޓެކްސީ ޑުރައިވަރުންނަށް އެކި ކަހަލަ ހައްލުތައް ގެނެސްދިނުމަކީ ވެވެޑައިގެންނެވި ވައުދުފުޅެއް ކަމަށާއި، ވަޢުދުވެފައި އޮތް ގޮތަށް، ޓެކްސީ ޑުރައިވަރުންގެ ދަފްތަރެއް އިއުލާން ކޮށްފައިވާނެ ކަމަށެވެ.
ރައީސްގެ ބައްދަލުވުން އެއްކޮށް ނިންމާލި އިރު ޓެކްސީ ޑްރައިވަރުން ހުށަހެޅި ޝަކުވަތަކުގެ ތެރެއިން އެންމެ ކަމަކަށް ވެސް ރައީސް ވާހަކަ ނުދައްކަވަ އެވެ. ޓެކްސީ ނަފާ ލޯނުގައި ޖެހި ކާރު ނުލިބި ބައެއް ޑްރައިވަރުން މަހަކު 7000 ރުފިޔާ ދައްކަން ޖެހިފައިވާ އިރު އެ ޝަކުވާއަށް ވެސް ރައީސް ޖަވާބެއް ނުދެއްވަ އެވެ.