މި ސަރުކާރުން އަމަލުކުރާ ގޮތުން ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން ކަމަށާއި، ސަސްޓެއިން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ ދަރަނި ދައްކާނެ ޕްލޭން އާއި ސިޔާސަތުތައް އެބަހުރި ކަމަށާއި، އެ ސިޔާސަތުތައް ފާސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ދަރަނި ދެއްކުމުގެ މަސައްކަތް ކުރުމުގައި އެއާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ މި ސަރުކާރުގެ ބޭފުޅުން ލޯނު ދައްކާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި، ލޯނު ދެއްކުމުގެ މުއްދަތު ފަސް ކުރަމުންދާ ކަމަށެވެ. އެހެން އަމަލު ކުރުމުގެ ނަތީޖާ އެއް ގޮތުން އިންޓަރެސްޓް އިތުރުވާ ކަމަށާއި، މިކަމުގެ ސަބަބުން ދިގު ރާސްތާ އާއި މެދު ރާސްތާގައި ވެސް އަހަރުން އަހަރަށް އިންޓަރެސްޓް ޕޭމަންޓުތައް އިތުރުވެ ސަސްޓެންއިން ނުކުރެވޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

ސޮވެރިންގ ޑިވަލޮޕްމަންޓްގެ ގާނޫނެއް މަޖިލީހަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ އެ ގާނޫނުގެ މަސައްކަތް ނުކޮށް މަޑު ޖައްސާލާފައިވާ ކަމަށެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުން ވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ގާނޫނު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރުގެ ތެރޭގައި ހުށަހަޅައިފަ އެވެ. އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އެކައުންޓިން އަދި ރިޕޯޓިން ފްރޭމް ވޯކެއް ގާއިމްކުރުމާއި ގާނޫނުތަކުގެ ތެރެއިން އެ ފަންޑުގެ ބޭނުން ކަނޑައެޅުން ހިމެނެ އެވެ. އެ ބިލް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން މީގެ ކުރިން ކޮށްފައިވެ އެވެ.