ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގެ އުސް ޓަވަރަށް ޙޫޘީން ދިން ހަމަލާއެއްގައި 11 މީހުންނަށް ޒަހަމްވެއްޖެއެވެ.

ޙޫޘީން ހަމަލާދީފައި ވަނީ ރިޔާޟުގައި ހުންނަ އެންމެ އުސް އިމާރާތަށެވެ. ސަޢުދީ ޕަބްލިކް އިންވެސްމަންޓް ފަންޑުގެ އޮފީސް ހުންނަނީ އެ އިމާރާތުގައެވެ. މިއީ މި ހަފްތާގެ ތެރޭގައި ޙޫޘީންގެ ހަމަލާއެއް އެ އިމާރާތަށް އަމާޒުވެފައިވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ އިމާރާތަށް ޙޫޘީން ހަމަލާދީފައި ވަނީ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ.

ސަޢުދީ ޢަރަބިއްޔާގެ މަދަނީ ދިފާއުއިން ބުނީ ޒަހަމްވި މީހުންގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ދެ ރައްޔިތުންނާއި، އިންޑިއާގެ ދެ ރައްޔިތުންނާއި، ނޭޕާލްއަށް ނިސްބަތްވާ ތިން މީހުންނާއި މިޞްރުގެ ހަތަރު ރައްޔިތުން ހިމެނޭ ކަމަށެވެ. ސަޢުދީ ޢަރަބިއްޔާއިން ވަނީ އެ ހަމަލާއަކީ ނިރުބަވެރި ޖަމާއަތަކުން ދީފައިވާ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ހަމަލާ ދިނުމާއެކު ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ ގޮތުގެ މަތިން އަމަލުކޮށްފައެވެ. އަދި އާންމުންގެ ސަލާމަތާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.

އެމެރިކާއާއި އީރާންއާ ދެމެދު ކުރަމުންދާ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ދާހިލީ ހަނގުރާމަ ވެސް ވަނީ ހޫނުވެފައެވެ. ޙޫޘީން ދަނީ ސަޢުދީ އަރަބިއްޔާގެ ވައިގެ ބަނދަރުތަކަށާއި ތެޔޮ ކާރުހާނާތަކަށާއި އޮފީސް އިމާރާތްތަކަށް ހަމަލާތައް އަމާޒުކުރަމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން ރިޔާޟަށް ކުރާ ބައިނަލްއަގްވާމީ ވައިގެ ދަތުުރުތަކަށް ވަނީ ބުރޫ އަރައިފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ބައިނަލްއަގްވާމީ ހަރަކާތްތައް ވަނީ ފަސްކުރަން ޖެހިފައެވެ.