2026 ވަނަ އަހަރުގެ ފޯމިއުލާ ވަން (އެފްވަން) ސީޒަންގެ ފަހު ދެ ރޭސް ކުރިންވެސް ތާވަލުކޮށްފައިވާ ގޮތަށް ގަތަރާއި އަބޫދާބީގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ނިންމުން އައިސްފައި މިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ގަތަރާއި އަބޫދާބީގައި ބާއްވަން ހަމަޖެހިފައިވާ ރޭސްތައް ކެންސަލްކުރަންޖެހިދާނެކަމަށް މީގެކުރިން ބެލެވިފައިވަނިކޮށެވެ.
ލަސް ވެގަސް ގްރޭންޑް ޕްރީއަށްފަހު އެފްވަންގެ އޮފިޝަލުން މީގެކުރިން ނިންމާފައި އޮތީ ގަތަރާއި އަބޫދާބީގެ ބަދަލުގައި އިޓަލީގެ އިމޯލާގައި ރޭހެއް ބޭއްވުމަށެވެ. ނަމަވެސް އެ ޕްލޭން ހުއްޓާލުމަށްފަހު، އެފް ވަންއިން މިހާރު ނިންމާފައިވަނީ ކަލަންޑަރުގައި އޮތް ގޮތަށް ސީޒަންގެ ފަހު 2 ރޭސް ގަތަރާއި އަބޫދާބީގައި ބޭއްވުމަށެވެ.

އެފްވަންގެ ގަތަރު ގްރޭންޑް ޕްރީ އޮންނާނީ ނޮވެމްބަރު 29ގައި ލުސައިލް އިންޓަނޭޝަނަލް ސާކިޓްގައެވެ. އަދި އަބޫދާބީ ގްރޭންޑް ޕްރީ އޮންނާނީ ޑިސެމްބަރު 6ގައި ޔާސް މެރީނާ ސާކިޓްގައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާއާއި އީރާނާ މި އަހަރުގެ އެފްވަން ކަލަންޑަރަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، މި އަހަރުގެ ސައުދީ އަރަބިއްޔާ ގްރޭންޑް ޕްރީ ކެންސަލް ކުރިއިރު، ބަހްރޭން ގްރޭންޑް ޕްރީ ވަނީ މެލޭޝިއާއަށް ބަދަލުކޮށްފައެވެ.
އެފްވަން އާއި ދުނިޔޭގެ މޮޓޯސްޕޯޓްސްއާބެހޭ މައި އިދާރާ، އެފްއައިއޭއިން ބުނީ މެދުއިރުމަތީގެ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ގަތަރާއި އަބޫދާބީގައި ރައްކާތެރިކަމާއެކު ރޭސްތައް ބޭއްވޭނެކަމަށެވެ.
އެފްވަން ޑްރައިވަރުންވެސް ވަނީ އެފްއައިއޭއިން ރައްކާތެރިކަން ކަށަވަރުކޮށްދޭނަމަ ރޭސްތަކުގައި ބައިވެރިވާނޭކަން ހާމަކޮށްފައެވެ.