ކުރުދީންގެ ބާރުގެ ދަށުގައި އޮންނަ ތެޔޮވަޅުތަކުގެ ހިންގުމާ މައި ސަރުކާރުގެ ހަކަތައާބެހޭ ވުޒާރާއިން ހަވާލުވުމަށް ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ އަންގަވައިފިއެވެ. ބޮޑުވަޒީރުގެ މި ނިންމުމަކީ ޢިރާޤުގެ މައި ސަރުކާރާއި ކުރުދިސްތާނާއި ދެމެދު އޮތް ނުތަނަވަސްކަން އިތުރުވާނެ ސަބަބެއް ކަމަށް ބެލެވެއެވެ.

ޒައިދީ އަންގަވާފައި ވަނީ ދިޔާލާއާއި ކަރްކޫކްއާއި ޞަލާޙުއްދީންއާއި ނީނަވާ ޕްރޮވިންސުގައި ހުންނަ ތެޔޮވަޅުތައް ހަކަތައާ ބެހޭ ވުޒާރާގެ ބާރުގެ ދަށަށް ގެންދިޔުމަށެވެ. އެ އެންގުން އަންގާފައި ވަނީ ދައުލަތުން ހިންގާ ނޯތު އޮއިލް ކޮމްޕެނީގެ އިސްވެރިންތަކެއްގެ ބައިވެރިވުން ވެސް އޮވެގެން ތެލުގެ ވަގުފާރި ކުރާ ކަމުގެ ތުހުމަތުތަކެއް ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ. ޒައިދީ ވަނީ ކުރުދިސްތާނު ސަރަހައްދުގައި އޮންނަ ބޯޑަރު ހުރަސްތައް ވެސް މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އަންގަވައިފައެވެ. އޭގެ އިތުރުން ތެލުގެ އެކްސްޕޯޓު ހަމައެކަނި މައި ސަރުކާރުގެ ތެލާބެހޭ ވުޒާރާ މެދުވެރިކޮށް ކުރުމަށް ވެސް ވަނީ އިރުޝާދު ދެެއްވަވައިފައެވެ.

މިފަދަ ފިޔަވަޅުތަކެއް އެޅުަމަށް ޒައިދީ އަންގަވާފައި މި ވަނީ ތެލުގެ ވަގުފާރިކުރުމާ ދެކޮޅަށް މަސައްކަތްކޮށް، އީރާނުގެ ވާގިވެރިކަން ލިބޭ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ކަތާއިބު ޙިޒްބުاللهގެ ބާރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. ކަތާއިބު ޙިޒްބުاللهއާ ތެލުގެ ވަގުފާރި ކުރާ ނެޓްވޯކްއާ ގުޅުމެއް އޮންނަ ކަމަށް ތުހުމަތުކުރެވެއެވެ. ނަމަވެސް ކަތާއިބު ޙިޒްބުاللهއިން އެ ތުހުމަތުތައް ދޮގުކުރެއެވެ.

ޒައިދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޢިރާޤުގެ އިސްތިގުލާލަކީ ބައިބައި ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ގައުމުގެ ވަސީލަތްތައް ހިމާޔަތްކުރުމަކީ ގައުމުގެ ދެމިއޮތުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. ތެޔޮވަޅުތަކުގެ ހިންގުމާ މައި ސަރުކާރުން ހަވާލުވުމަށް ނިންމި ނިންމުމަކީ އެ ވިސްނުމުގައި ނިންމާފައިވާ ނިންމުމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ހުރިހާ ޒާތެއްގެ ވަގުފާރިކުރުން ދައުލަތުން ނިމުމަކަށް ގެންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކުރުދިސްތާނުގެ ސަރަހައްދީ ސަރުކާރުގެ ބޮޑުވަޒީރު މަސްރޫރު ބަރްޒާނީ ވަނީ ޒައިދީގެ ނިންމުންތައް ބަލައިގަތުމަށް ދެކޮޅުހައްދަވައިފައެވެ. ޒައިދީގެ ނިންމުންތަކުގެ ސަބަބުން ސިޔާސީ އަދި ދުސްތޫރީ މައްސަލަތަކެއް ކުރިމަތިވުން ގާތެވެ.

މައި ސަރުކާރާއި ކުރުދިސްތާނުގެ ސަރަހައްދީ ސަރުކާރާ ދެމެދު އޮންނަ ގުޅުން ހީނަރިވެފައި އޮންނަތާ އެތައް އަހަރެއް ވަނީ ވެފައެވެ. އޭގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތެލުގެ އެކްސްޕޯޓްއާ ގުޅޭ މައްސަލަތަކާއި ބައެއް ބިމުގެ ސަރަހައްދުތަކުގެ މިލްކުުވެރިކަމާ ގުޅޭ ދެބަސްވުންތައް ހިމެނެއެވެ.