ޔަހޫދީން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ އިސްވެރިއެއް ކަމަށްވާ ނަޢީމް އަބޫ ނާހިލް ޝަހީދުކޮށްލައިފިއެވެ.
ނަޢީމް އަބޫ ނާހިލްއަކީ ހަމާސްގެ ޣައްޒާގެ ދާހިލީ ސަލާމަތާބެހޭ ގޮފީގެ ޑިރެކްޓަރެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ އެ ކަމަށް އަމާޒުކޮށްގެން ދިން ހަމަލާއެއްގައި ޣައްޒާ ސިޓީގެ ހުޅަނގުގެ ސަރަހައްދެއްގައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ދީފައިވާ އިތުރު ވައިގެ ހަމަލާތަކުގައި ކުޑަކުއްޖަކާއި ފުލުހުންތަކެއް ހިމެނޭހެން ޣައްޒާގެ ހަތް ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރެއިން ތިން މީހުން ޝަހީދުކޮށްލާފައި ވަނީ ވާދީ ޣައްޒާ ސަރަހައްދަށް ދިން ހަމަލާއެއްގައެވެ. އޭގެ އިތުރުން ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް-މަވާސީ ސަރަހައްދަށް ދީފައިވާ ޑްރޯން ހަމަލާއެއްގައި އިތުރު ތިން މީހުން ޝަހީދުވެ، ފަސް މީހުންނަށް ވަނީ ޒަހަމްވެފައެވެ. ޝަހީދުވި ތިން މީހުންނަކީ ވެސް ފުލުހުން ކަމަށް މަސްދަރުތަކުން ބުނެއެވެ. ޖަބާލިއާ ރެފިއުޖީ ކޭޕްމުގައި ދިން ހަމަލާއެއްގައި ވެސް އިތުރު މީހަކު ޝަހީދުވެފައިވެއެވެ.
ޣައްޒާގައި ހަލުވިކަމާއެކު މެނިންޖައިޓިސް ފެތުރެނީ
ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ އެ ސަހަރުގައި ހަލުވިކަމާއެކު މެނިންޖައިޓިސް ފެތުރެމުންދާ ކަމަށް ބުނެ އިންޒާރެއް ނެރެފައެވެ. ޣައްޒާގެ ހާލަތު އޮތް ގޮތުން އެ ބަލީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ނުރައްކަލަށް ހުށަހެޅޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ބަލީގެ ނުރައްކާ ހާއްސަކޮށް ކުޑަކުދިންނަށް ބޮޑުވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޣައްޒާގެ އާންމު ސިއްހަތާބެހޭ އިދާރާގެ ޑިރެކްޓަރުގެ ނައިބު، ޑރ ނިދާލް ޣުނައިމް ވިދާޅުވީ އާންމު ގޮތެއްގައި މަހެއްގެ މައްޗަށް އެ ސަހަރުގައި 30އާއި 50އާ ދެމެދުގެ އަދަދަކަށް މެނިންޖައިޓިސް ޖެހިފައިވާ މީހުން ފެންނަ ކަމަށެވެ. ނަމަވެސް ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައި އެ އަދަދު 272އަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މީގެ ކުރިން މަހެއްގެ މައްޗަށް ފާހަގަވާ ކޭސްގެ އަދަދަށްވުރެ 8 ގުނަ އިތުރު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޣުނައިމް ވިދާޅުވީ މި އަހަރު ފެށުނު ފަހުން މެނިންޖައިޓިސް ޖެހިގެން މިހާތަނަށް 15 މީހުން ޣައްޒާގައި މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހުގެ ތެރޭގައި މަރުވެފައިވާ 5 މީހުން ހިމެނެއެވެ. ޣުނައިމް ވިދާޅުވީ މެނިންޖައިޓިސްގެ އެންމެ ނުރައްކާ ވައްތަރު ކަމަށްވާ ބެކްޓީރިއަލް މެނިންޖައިޓިސް ޖެހޭ މީހުންގެ އަދަދު ވެސް އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ. އެ ގޮތުން މީގެ ކުރިން މަހެއްގެ މައްޗަށް 10 ނުވަތަ 20 ކޭސް ފެނުނު ނަމަވެސް، އޮކްޓޯބަރު މަހުގެ ތެރޭގައި އެ އަދަދު 108އަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނޮވެމްބަރު މަސް ފެށުނު ފަހުން ވެސް މިހާތަނަށް 100އަށްވުރެ ގިނަ ކޭސް ރެކޯޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.