އެކުވެރި އަރަބި އިމާރާތް އެކުލަވާލާފައިވާ ހަތް އިމާރާތުގެ ތެރެއިން އެއް އިމާރާތްކަމަށްވާ ރަސް އަލް ޚައިމަހްގައި ބަހަކާއި ޓްރަކެއްޖެހި 13 މީހުން މަރުވެއްޖެކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
ހާދިސާ ހިނގާފައިވާ އަލް ވަތަން މަގުގައި އެމްބިއުލާންސް ހިދުމަތުންނާއި މަދަނީ ދިފާއީ ހަރަކާތްތެރިން ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ރަސް އަލް ޚައިމަހްގަ ދާޚިލީ ވުޒާރާއިން އެކްސްގައި ޝާއިރުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި އަލް މުނައި ފުލުސް އޮފީހާއި ރަސް އަލް ޚައިމަހްގެ ފުލުހުންގެ ކުއްލި ހަރަކާތްތެރިންގެ އިތުރުން، ހައްތާ ފުލުހުންނާއި، ދުބާއީ އެމްބިއުލާންސް އަދި ދުބާއީއާއި ކަދުރަހްގެ މަދަނީ ދިފާއީ ޓީމުތައް ހިމެނެއެވެ.
މި ހާދިސާގައި ކުއްލި ހަރަކާތްތެރިންވަނީ ސަރަހައްދު ބަންދުކޮށް ޓްރެފިކް ބަލަހައްޓާފައެވެ.
ހާދިސާގައި 11 މީހުން މަރުވެފައިވާއިރު އިތުރު ދެ މީހަކުވަނީ ހަސްފަތާލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައެވެ. މަރުވި މީހުންގެ އިތުރުން 14 މީހުންނަށް އެކިވަރުގެ އަނިޔާވެސް ލިބިފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ހާދިސާ ހިނގާފައިވަނީ 41 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބަހެއް، މެކޭނިކަލް މަސަލަޔެއް ދިމާވުމުގެ ސަބަބުން މަގުގެ އަރިމަތީގައި މަޑުކޮށްފައި އޮތް ޓްރަކެއްގައި ޖެހިގެންނެވެ.
މަރުވި މީހުންނާއި އަނިޔާވި މީހުން އެކި ހޮސްޕިޓަލްތަކަށް ގެންދެވިފައިވާއިރު، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުތައް ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މި މައްސަލަ މިހާރު ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.
ޔޫއޭއީގައި ދެ އުޅަނދުޖެހި، 13 މީހުން މަރު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed