ނަފްސާނީ ޞިއްޙަތުގެ ބިލަކީ، ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި، އެ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިންއެވެ.
ބިލުގެ އިބްތިދާޢީ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ބިލަށް ތާޢީދުކޮށް ވާހަކަދެއްކެވި މެމްބަރުން ވިދާޅުވީ މި ބިލުގައި ނަފްސާނީ ބަލީގެ އެކި ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ޞިއްޙީ ފަރުވާ ދިނުން ކުރިއަށް ގެންދަން ޚާއްސަ ރިވިއު ބޯޑެއް އުފައްދަން ޖެހޭ ގޮތަށް ހިމަނާފައި ވުމަކީ މުހިންމު ބަދަލެއް ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ، މަސަލް ރިލެކްސަންޓު އަދި އެނެސްތީޝިއާ ދިނުމަކާ ނުލައި ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީއާއި ކުޑަކުދިންނަށް ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ ދިނުމަކީ މަނާކަމެއް ކަމަށެވެ. ހަމައެހެންމެ، ކުޑަކުދިންނަށް ހަދާ ނިއުރޯސާޖަރީއާއި ނަފްސާނީ ފަރުވާއެއްގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން ދަރިމައިނުވާ ގޮތް ހެދުން މަނާކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މި ބިލަކީ ވަރަށް ތަފްސީލީ ބިލެއްކަމަށް މެމްބަރުން ވިދާޅުވިއެވެ. 17 ބާބު އެކުލެވޭ މި ބިލުގެ ސަބަބުން ނަފްސާނީ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަގުފަހިވާނެކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވީ މި ބިލުގެ ސަބަބުން ނަފްސާނީ ބަލިތައް ތަޙައްމަލު ކުރާ ފަރާތްތަކަށް ކުރިއަށް ވުރެ ރޭވުންތެރި ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ބިލުގެ ދިރާސާ މަރުހަލާގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ ބަސް ހޯދުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.
" އެ ބަލި ތަޙައްމަލުކުރަމުންދާ މީހުންނަށް އެނގޭނީ އޭގެ ވޭން. ބިލު ފުރިހަމައަށް ތަންފީޒު ކުރެވިއްޖެއްޔާ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް މިއީ." ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ މި ބިލަށް ތާޢީދުކޮށް ވާހަކަދައްކަވާފައެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވިދާޅުވީ މި ބިލު ކޮމިޓީ މަރުހަލާގައި ފުޅާކޮށް ދިރާސާކުރަން ޖެހޭކަމަށެވެ. މި ބިލުގެ ހަގީގީ މަޤްސަދު ހާސިލްވާނީ އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލުގައި އިތުރަށް ބުނެފައި ވަނީ، ގާނޫނު ހުއްދަކުރާ ހާލަތުގައި ތަންފީޒީ އިދާރާތަކަށާއި ފަރުވާދޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުން ފިޔަވައި، ބަލި މީހެއްގެ ޒާތީ މައުލޫމާތު އާއްމުކޮށްފިނަމަ، ޞިއްޙީ ފަރުވާދޭ އެމަރުކަޒެއް ނުވަތަ ޚިދުމަތްދޭ މީހެއް، 50،000 ރުފިޔާއި 100،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ. އަދި ޖޫރިމަނާކުރުމުގެ އިތުރުން ދެ އަހަރުގެ މުއްދަތަށް އެ ފަރާތުގެ ލައިސަންސް ހިފެހެއްޓުމުގެ ބާރު އެލައިޑު ހެލްތު ކައުންސިލަށް ލިބެއެވެ.
ނަފްސާނީ ޞިއްޙަތުގެ ބިލަކީ މުހިންމު ބިލެއް: މެމްބަރުން
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed