ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އެޗްޑީއެފްސީގެ ޝަރީއާ ކޮމިޓީގެ އަހަރީ ބައްދަލުވުމާ ދިމާކޮށް، "އަންޑަސްޓޭންޑިންގ އިސްލާމިކް ހޯމް ފައިނޭންސިންގ" ގެ ނަމުގައި ޚާއްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަނަކީ ދާއިރާގެ ބައިވެރިންނާއި ޢިލްމުވެރިން އެއްތަންކޮށް، އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތަކުގެ ފަހަތުގައިވާ ޝަރުޢީ ހަމަތަކަށް އަހުލުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ބޭއްވި ސެޝަނެކެވެ. އަދި މި މި ސެޝަން އަމާޒުކޮށްފައިވަނީ އިމާރާތްކުރުމާއި، ގެދޮރު ތަރައްގީކުރުމާއި އަދި ފައިނޭންސިންގ ދާއިރާގައި މަސައްކަތްކުރާ ކަމާގުޅޭ ފަރާތްތަކަށެވެ.
ސެޝަންގެ ތެރެއިން އިސްލާމިކް ހޯމް ފައިނޭންސިންގގައި ބޭނުންކުރާ މުހިންމު މަފްހޫމެއް ކަމަށްވާ "މުޝާރަކާ މުތަނާޤިޞާ" މެދުވެރިކޮށް ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ފައިނޭންސް ހަމަޖައްސައިދޭ ގޮތުގެ ފަންނީ އަދި ޝަރުޢީ ތަފްސީލުތައް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.
މި މަފްހޫމުގެ ދަށުން، ކަސްޓަމަރާއި މާލީ އިދާރާއާ ދެމެދު އުފެދޭ ގުޅުމާއި، ޙިއްޞާ މަޑުމަޑުން މިލްކުވަމުންދާ ގޮތާއި، ރިބާއިން އެއްކިބާވެފައިވާ އިސްލާމީ އުސޫލުތަކުގެ ތެރެއިން ގެދޮރުގެ ފައިނޭންސިންގ ފޯރުކޮށްދިނުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ.

މި ސެޝަންގައި ސުވާލާއި ޖަވާބު ބައެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ސެޝަން މޮޑެރޭޓްކުރެއްވީ އެޗްޑީއެފްސީގެ ޝަރީއާ ކޮމްޕްލަޔަންސް އެނަލިސްޓް އާދަމް ރަޒީފެވެ. މި ބައިގައި އެޗްޑީއެފްސީގެ ޝަރީއާ ކޮމިޓީގެ ޗެއަރޕާސަން ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާގެ އިތުރުން އެ ކުންފުނީގެ ޝަރީއާ ކޮމިޓީގެ އަނެއް ދެ މެންބަރުން ކަމަށްވާ ޕްރޮފެސަރ ދާތިން ޑރ. ރޮސްނީ ބިންތި ޙަސަން އަދި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.
ޑރ. މުނީޒާއަކީ މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީގެ ޕްރޮފެސަރު އަދި އެސޯސިއޭޓް ޑީންގެ މަގާމު ފުރުއްވަމުން ގެންދަވާ، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި ރެހެންދި އެވޯޑުވެސް ހާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ.
ޑރ. ރޮސްނީއަކީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާގެ ޕްރޮފެސަރެއްގެ އިތުރުން މެލޭޝިއާގެ މަރުކަޒީ ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ ކުރީގެ މެންބަރެކެވެ. އަދި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކުރީގެ ވައިސް ޗާންސެލަރ އަދި ފިޤުހާއި އުޞޫލުލް ފިޤުހުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވައިގެން ހުންނެވި، އިސްލާމިކް ފައިނޭންސް ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢިލްމުވެރިއެކެވެ.
އެޗްޑީއެފްސީއަކީ ގެދޮރުގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 އިންސައްތަ ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރުއެވެ. ޕާކިސްތާނުގެ ކަރާޗީގައި ބޭއްވުނު 12 ވަނަ އިސްލާމިކް ރީޓެއިލް ބޭންކިންގ އެވޯޑްސްގައި ރާއްޖޭގެ "ބެސްޓް އިސްލާމިކް ހޯމް ފައިނޭންސިންގ ޕްރޮވައިޑަރ 2026" ގެ އެވޯޑު އެޗްޑީއެފްސީއަށް ލިބިފައިވެއެވެ.
