50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމާލައިފިއެވެ.
މިމަޝްރޫޢަކީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާގެ ފަރާތުން އެޗްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ ފާއިތުވެދިޔަ އަހަރުގެ އޮގަސްޓްމަހުގެ 19 ދުވަހުއެވެ. އެއެއްބަސްވުމުގެ ދަށުން ޖުމްލަ 71 މަޝްރޫޢެއްގެ މަސައްކަތް އެޗްޑީސީން ވަނީ ހަވާލުކޮށްފައެވެ.
އެޗްޑީސީން ބުނީ އެކޯޕަރޭޝަނުން އަލަށް ގާއިމްކުރި އައުޓްޑޯ ޖިމްތަކަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ އައުޓްޑޯ ޖިމްތަކެއްކަމަށެވެ. އަދި ނުނިމިހުރި 21 އައުޓްޑޯ ޖިމްތަކުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

އެމަސައްކަތުގެ ދަށުން ބައެއް ރަށްރަށުގައި މަޝްރޫޢަށް ބޭނުންވާނެ ސާމާނު ސަޕްލައިކޮށް، އިންސްޓޯލްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން މަރާމާތުކޮށް އާބާތުރަ ފިލުވަންޖެހޭ އައުޓްޑޯ ޖިމްތަކުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ގައިންގަޔަށް ނާރާ ބަލިތަކާ ދުރު އާބާދީއަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ޤައުމީ ހަރަކާތާއެކު، ރާއްޖޭގެ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމްކުރުމުގެ މަސައްކަތްވަނީ ހަލުވިކަމާއެކު ފެށިފައެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް މިމަޝްރޫއުތައް ހަވާލުކޮށްފައިވާއިރު، ބާރު ސްޕީޑުގައި މިމަސައްކަތްތައް ނިމެމުން އަންނަކަށް ފާހަގަކޮށްލެވެއެވެ.