ފާއިތުވި 3 އަހަރަކީ، ދައުލަތުގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައި ތިން އަހަރުކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ "ހަފްތާ 156" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ބަންޑާރަ ނައިބު ވިދާޅުވީ ފާއިތުވި 3 އަހަރު ދުވަހަކީ ވަރަށް ގިނަ ކަންކަން ޙާސިލްވި 3 އަަހަރުކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ބިލްތައް ފޮނުވުމާ، ސަރުކާރު އިދާރާތަކަށް ލަފާދިނުމާ، ބައިނަލްއަޤުވާމީ މުޢާހަދާތަކާ ގުޅޭގޮތުން މުހިންމު މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާކަމަށް އުޝާމް ވިދާޅުވިއެވެ.
މަޖިލީހަށް ފޮނުވާ، ފާސްކޮށްފައިވާ ބިލުތަކުގެ ތެރޭގައި މާލީ ނިޒާމް ހަރުދަނާކުރުމަށް ގެނައި ބަދަލުތައް ހިމެނޭކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އޭޖީ އުޝާމް ވިދާޅުވީ އިޤްތިޞާދު ސިންދަފާތުކުރުމަށާއި، ލާމަރުކަޒީ ނިޒާމު އިސްލާޙުކުރުން ފަދަ ބަދަލުތަކަކީ ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށްދިން ބަދަލުތައް ކަމަށެވެ.
"ސަރުކާރުގެ ފަރާތުން މި ތިން އަހަރު ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް 90 ވަރަކަށް ބިލް ހުށަހެޅިއިރު، 70 އަށްވުރެ ގިނަ ބިލް ފާސްކޮށްފައިވޭ. 2000 އަށް ވުރެ ގިނަ ޤާނޫނީ ލަފާ ސަރުކާރުގެ އެކިއެކި އިދާރާތަކަށް ފޯރުކޮށްދީފައިވޭ. އޮފީސް ފޯރ ސިވިލް ރައިޓްސްއަށް ގާތްގަނޑަކަށް 70 ޝަކުވާ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން %80 މައްސަލަތަކަށް އެޓެންޑްވެފައިވާނީ." ބަނޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވިއެވެ.

އޭޖީ ވަނީ ބަންޑާރަނައިބުގެ އޮފީހުން ކުރައްވަމުން އައި ބައެއް މުހިންމު މަސައްކަތްތަކުގެ އަދާހަމަތައް ޙިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ މައްސަލައިގައި އެ އޮފީހުން ކުރައްވާފައިވާ މަސައްކަތަކީ ކާމިޔާބު މަސަައްކަތެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި މި މައްސަލައިގައި ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ކަމާއި ގުޅުން ހުރި ފަރާތްތަކަށް ހުށަހަޅާ ނިމޭނެކަމަށް ލަފާކުރެވޭކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
" ދެ މައްސަލަ އެއް. ކަނޑުގެ ސަރަހައްދާއި ފޯޅަވަހީގެ ސިޔާދަތީ މައްސަލަ. ކަނޑުގެ ސަރަަހައްދު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް އޮތީ ވަރަށް އެޑްވާންސް ސްޓޭޖެއްގައި. ފޯޅަވަހީގެ މައްސަލައިގައި ކުރަންޖެހޭ ރިސަރޗްތައް ކުރަމުން ދަނީ. އެތަނުގެ ސިޔާދަތު ހޯދަން މަސައްކަތް ކުރިތޯ ރާއްޖެއިން ބަލަން ޖެހޭ. ކުރީގެ ލިޔެކިޔުންތައް އެބަ ދިރާސާކުރަން އެކި ޤައުމުތަކާ އާކައިވްގައި ހުރި ލިޔުންތައް." ބަނޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މީގެ ކުރިން ރާއްޖެއިން ސޮއިކޮށްފައިވާ މުޢާހަދާތަކާއި ގުޅިގެން ޢަމަލުކުރަން ޖެހޭ ވަރަށް ގިނަ ކަންކަމަށް ޢަމަލު ނުކޮށް ހުރިކަމަށް އޭޖީ ވިދާޅުވިއެވެ. އަދި އެ ކަންކަމާއި ގުޅޭ ގޮތުން އެކަށީގެންވާ ގޮތުގައި، ޖަވާބުދާރީ ވެސް ނުވާކަމަށް އޭޖީ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު އެކަން ޙައްލުކޮށްފައިވާކަމަށް އޭޖީ ވިދާޅުވިއެވެ.