މާލޭގައި ހިންގަމުންދާ އޮފީހަކުން ވަގަށްނެގި ފައިސާގެ ތެރެއިން ބައެއް ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަޙްމަދު ނާޡިމް (31އ) އާއި، ރ. މަޑުއްވަރި / މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) އަދި ރ. މަޑުއްވަރި / ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ)އެވެ.
ފުލުހުން ވިދާޅުވީ، މި މީހުންގެ ތެރެއިން އަޙްމަދު ނާޡިމް ހައްޔަރުކޮށްފައިވަނީ، މި މަހު 22 ވަނަ ދުވަހު ކަމަށެވެ. އަދި އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ، މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއާއެކު މައްސަލައިގެ ތަހުގީގު ފަށައި، ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުން ވަނީ ދެނެގަނެފައެވެ. އަދި އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް، 1,093,122.25ރ. (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި، 8845 އެމެރިކާ ޑޮލަރު ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން 1,252,505ރ. (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި، 11470 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނާޡިމް (31އ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، ޙުސައިން ޞަބާޙް (42އ) 30 ދުވަހަށް އަދި ޢާއިޝަތު ނަޝާޔާ (32އ) ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ، ތަހުގީގު ކުރަމުންނެވެ.
އޮފީހަކުން ވަގަށްނެގި ފައިސާގެ ބައެއް ހޯދައި، 3 މީހުން ހައްޔަރުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed