ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ %99 ސަރަހައްދު ތަޣައްޔަރުވެފައި ކަމަށް އޮކްސްފާމުން ހާމަކޮށްފިއެވެ.

އަނިޔާވެރި ޔަހޫދީ ފައުޖުތަކުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން، ފަލަސްޠީނުގެ ޣައްޒާގެ %99 އަށްވުރެ ބޮޑު ސަރަހައްދެއް ތިމާވެށީގެ ގޮތުން ނުރައްކާތެރި ދަރަޖައަކަށް ތަޣައްޔަރުވެ، މުޅި ސަރަހައްދު "ވިހަ ބިމަކަށް" ބަދަލުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ ޖަމްއިއްޔާއެއް ކަމަށްވާ އޮކްސްފާމްގެ އައު ރިޕޯޓަކުން ހާމަވެއްޖެއެވެ.

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވިހަ ގަދަ މައުދަންތަކާއި، ގޮވާތަކެތީގެ ކެމިކަލް ބާކީތަކާއި، ވެއްޓިފައިވާ އިމާރާތްތަކުން ބޭރުވާ އެސްބެސްޓޮސް އާއި ޑައޮކްސިން އަދި ނުރައްކާތެރި ޖަރާސީމުތަކުގެ ސަބަބުން، ޣައްޒާގެ އަހުލުވެރިންނަށް މިހާރުގެ އިތުރުން ކުރިމަގުގެ އެތައް ޖީލަކަށް ދެމިގެންދާނެ ނުރައްކާތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އޮކްސްފާމް އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޑިރެކްޓަރު އަމީތާބު ބެހާ ވިދާޅުވީ، އިންސާނުންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ތިމާވެށީގެ ހުރިހާ އަސާސެއް ޔަހޫދީން މުޅިން ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދު ކުރުމުގެ އުދުވާނުގެ ތެރެއިން ޔަހޫދީން ދަނީ "ތިމާވެށީގެ ހަނގުރާމައިގެ ޖަރީމާތައް" ވެސް ހިންގަމުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ޣައްޒާގެ ތިމާވެށްޓަށް ލިބިފައިވާ ގެއްލުންތައް ދިރާސާކުރުމަށްޓަކައި އޮކްސްފާމާއި އިނގިރޭސިވިލާތުގެ "ކޮންފްލިކްޓް އެންޑް އެންވަޔަރަންމަންޓް އޮބްޒަވޭޓަރީ" (ސީ.އީ.އޯ.ބީ.އެސް) ގުޅިގެން ވަނީ ސެޓެލައިޓް ފޮޓޯތަކާއި ރިމޯޓް ސެންސިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުޅާ ދިރާސާއެއް ކޮށްފައެވެ. އދ. ގެ ރިޕޯޓްތައް ބުނާގޮތުން، ޣައްޒާއަށް މިހާތަނަށް 200,000 ޓަނަށްވުރެ ގިނަ ގޮވާތަކެތި ވައްޓާލާފައިވާއިރު، މިއީ ހިރޯޝީމާއަށް ވައްޓާލި ފަދަ ނިއުކްލިއަރ ބޮމުގެ ގާތްގަނޑަކަށް 13 ބޮމުގެ ބާރާ އެއްވަރުގެ މިންވަރެކެވެ. މީގެ އިތުރުން، އދ. ގެ ތިމާވެށްޓާ ބެހޭ ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އިން ލަފާކުރާ ގޮތުގައި، އިމާރާތްތައް ސުންނާފަތިވުމުގެ ސަބަބުން އުފެދިފައިވާ 61 މިލިޔަން ޓަނުގެ ގާކުނޑީގެ ތެރެއިން %15 އަކީ ނުރައްކާތެރި ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ ތަކެއްޗެވެ.

ހަމައެއާއެކު، ޣައްޒާގެ ނަރުދަމާ ނިޒާމު އެއްކޮށް ހަލާކުވެ، ފެން ސާފުކުރާ 6 މަރުކަޒުގެ ހިދުމަތް ކެނޑުމުގެ ސަބަބުން، ސާފުނުކުރާ ނަޖިސްފެން ދަނީ ބިމުއަޑީގެ ފެނަށާއި ކަނޑަށް އެޅެމުންނެވެ. އަދި ވިއްސާރަ މޫސުމާއެކު، ރެފިއުޖީ ފޭލިގެތަކާއި މަގުތަކުގައި ނަޖިސްފެން ބޮޑުވެ، ސިއްހީ ކާރިސާއެއް ވަނީ އުފެދިފައެވެ. އޮކްސްފާމް ރިޕޯޓުގެ މުޞައްނިފު ލާމާ ޢަބްދުލް ޞަމަދު ބަޔާންކުރެއްވި ގޮތުގައި، މި ވިހަ މާއްދާތައް ވެށީގައި ދިގު މުއްދަތަކަށް ހުރުމުގެ ސަބަބުން، ކެންސަރާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، އުފެދުމުގައި އައިބު ހުންނަ ކުދިން ވިހެއުމާއި، ދަރިމައިނުވުން ފަދަ ނުރައްކާތައް ކުރިމަތިވާނެއެވެ.

ޣައްޒާގެ ސިއްހީ ލެބޯޓްރީތައް ހަލާކުކޮށްލާފައިވުމުގެ އިތުރުން، ޓެސްޓުކުރާ އާލާތްތަކާއި ސައިންސްވެރިން އެތެރެވުމަށް ޔަހޫދީން ހުރަސްއަޅާތީ، ތަޣައްޔަރުވުމުގެ އަސްލު މިންވަރު ދެނެގަތުމަށް ވަނީ ހުރަސްއެޅިފައެވެ. ފިނި ކަނޑުވުމަށާއި ކައްކަން ޕްލާސްޓިކާއި ކުނި އެންދުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް އިންތިހާއަށް އިތުރުވެފައިވާއިރު، ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ހަމުގެ ދާއިމީ ބަލިތައް ވަނީ 5 ގުނައަށް އިތުރުވެފައެވެ. މީގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައިވަނީ ކުށެއްނެތް ތުއްތު ކުދިންނެވެ.

މީގެއިތުރުން ބިމާއި ކަނޑު ތަޣައްޔަރުވުމުން ދަނޑުވެރިކަމާއި މަސްވެރިކަން މުޅިން ހުއްޓުމަކަށް އައިސް، ކާބޯތަކެތީގެ ރައްކާތެރިކަން ވަނީ ގެއްލިފައެވެ. ޔަހޫދީންގެ މި ލާއިންސާނީ އުދުވާނުގައި މިހާތަނަށް ފަލަސްޠީނުގެ 74,746 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޔަހޫދީން ގެންދަނީ ބައިނަލްއަޤްވާމީ ކޯޓުތަކުގައި ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތަކަށް އިންކާރުކޮށް، އޮކްސްފާމްގެ ރިޕޯޓަކީ ބުރަދަނެއް ނެތް ރިޕޯޓެއް ކަމަށް ބުނެ ޙަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުންނެވެ.