ޑިސެމްބަރު 16 ގައި ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަތުމަށް ކުރީގެ ބޮޑު ވަޒީރު ޝައިޚް ޙަސީނާ މަސައްކަތްޕުޅު ފައްޓަވައިފިއެވެ.
އިންޑިއާގައި ޙިމާޔަތް ހޯއްދަވައިގެން ހުންނަވާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ފަހުން، ބަންގްލަދޭޝްގެ މިނިވަންކަމުގެ ދުވަސް ކަމަށްވާ ޑިސެމްބަރު 16 ގައި އެނބުރި ގައުމަށް ވަޑައިގަތުމަށް ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްވަވަމުން ގެންދަވާކަން އެކަމަނާގެ ތަރުޖަމާނު ހާމަކުރައްވައިފިއެވެ. ނަމަވެސް ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ބުނަމުންދަނީ، އެކަމަނާ ގެނެވޭނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ޙަސީނާގެ ތަރުޖަމާނު ސައްޔިދު މޮޒައްމެލް ޢަލީ ވިދާޅުވީ، 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމަ ކާމިޔާބުވިތާ 55 އަހަރު ފުރޭ މި އަހަރުގެ ނަސްރުގެ ދުވަހު އެނބުރި ވަޑައިގަތުމަށް އުމުރުން 79 އަހަރުގެ ޙަސީނާ ނިންމަވާފައިވާ ކަމަށެވެ. މިއީ ވެރިކަމުން ދުރުކުރެވުނު ފަހުން، އެނބުރި ވަޑައިގަންނަވާނެ ވަކި ތާރީހެއް އެކަމަނާ އިއުލާނު ކުރެއްވި ފުރަތަމަ ފަހަރެވެ.
މި މަހުގެ ކުރީކޮޅު އައު ޕާސްޕޯޓާއި ލިޔެކިޔުންތައް ހޯއްދެވުމަށް ޙަސީނާ ހުށަހެޅުއްވުމާ ގުޅިގެން، އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގުގެ ހަރަކާތްތައް މަނާކޮށްފައިވާ އެ ގައުމުގައި ވަނީ އަނެއްކާވެސް ހަމަނުޖެހުންތައް ބޮޑުވެފައެވެ. މި ހަމަނުޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި މިވަނީ، ހިމަބިހީގެ ނުރައްކާތެރި ބަލިމަޑުކަމަކާއި، މުސާރައިގެ މައްސަލައިގައި އަންނައުނު މަސައްކަތްތެރިން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންފައިވާ ބޮޑުވަޒީރު ތާރިޤު ރަޙްމާންގެ ސަރުކާރަށެވެ.
ދިއްލީއަށް ވަޑައިގެންނެވި ފަހުން ލިޔެކިޔުންތައް ބާތިލުކޮށްފައިވާތީ، އައު ލިޔެކިޔުންތައް ހަމަޖައްސައިދިނުމަށާއި، ގައުމީ އެއާލައިން "ބިމާން ބަންގްލަދޭޝް" ގެ ހާއްސަ އިންތިޒާމެއްގެ ދަށުން އެނބުރި ވަޑައިގެންނެވޭނެ މަގު ފަހިކޮށްދިނުމަށް ޙަސީނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. ނަމަވެސް، ދަރިވަރުންގެ މުޒާހަރާތަކާ ދެކޮޅަށް ހިންގި ލޭއޮހޮރުވުންތަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާތީ، އެކަމަނާއަށް ހާއްސަ އިނާޔަތްތަކެއް ނުދެވޭނެ ކަމަށާއި، ގެނެވޭނީ ހަމައެކަނި ގާނޫނީ އިޖުރާއާތުތަކުގެ ތެރެއިން ކަމަށް ސަރުކާރުން ބުނެއެވެ.
ބޮޑުވަޒީރުގެ މުޝީރުން ހާމަކުރައްވާ ގޮތުގައި، ޙަސީނާ އެނބުރި ވަޑައިގެންފިނަމަ އެކަމަނާގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ތަންފީޛު ކުރެވޭނެއެވެ. އަދި ފިއްލަވައިގެން އުޅުއްވާ ބޭފުޅަކާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، އިންޑިއާއާއެކު ކުރިއަށްދާނީ ހަމައެކަނި ގާނޫނީ ގޮތުން އެކަމަނާ ހަވާލުކުރުމުގެ މަޝްވަރާތައް ކަމަށް މައުލޫމާތާބެހޭ މުޝީރު ޒާހިދު އުއް ރަޙްމާން ވިދާޅުވިއެވެ. މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ގާނޫނާ ހިލާފަށް އެތެރެވުމަށް އަވާމީ ލީގުގެ ލީޑަރުން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތައް ވަނީ އެލާޓަށް ގެނެސްފައެވެ.
އދގެ ރިޕޯޓްތައް ބުނާ ގޮތުގައި ޙަސީނާގެ ވެރިކަން ވެއްޓިގެންދިޔަ ހަމަނުޖެހުންތަކުގައި 1,400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެހެންނަމަވެސް، ޙަސީނާގެ އުފަން ސަރަހައްދު ކަމަށްވާ ގޯޕާލްގަންޖް ފަދަ ހިސާބުތަކުގައި، އެކަމަނާއަށް ތާއީދުކުރާ ފަރާތްތަކުން އަދިވެސް ދަނީ މަގުތަކަށް ނުކުމެ ވަކާލާތު ކުރަމުންނެވެ. އަދި ކިތަންމެ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް، ޙަސީނާއަށް އޮތް ރައްޔިތުންގެ ލޯތްބާއި ތާއީދު ފޮހެނުލެވޭނެ ކަމަށް އެ ޕާޓީގެ އިސް ފަރާތްތަކުން ބުނެއެވެ.
ޝައިޚް ޙަސީނާ ޑިސެމްބަރު 16ގައި ބަންގްލަދޭޝަށް ވަޑައިގަންނަވަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed