ވެނެޒުއޭލާގެ ތެލާ ގުޅޭ ބޮޑު އެއްބަސްވުމެއް "ވިޓޯލް" ކުންފުންޏަށް ހޯދައިދިނުމުގައި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސްގެ ދައުރެއް އޮތްތޯ އެމެރިކާގެ ސެނެޓް ކޮމިޓީއަކުން ތަހުގީގުކުރަމުންދާ ކަމަށް ރޮއިޓާސްއިން ހާމަކޮށްފިއެވެ.

މި މައްސަލައިގައި ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު މެގީ ހަސަން، ނައިބު ރައީސް ވެންސްއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ ގޮތުން ބޮޑެތި މާލީ އެހީތަކެއް ފޯރުކޮށްދޭ ފަރާތަކަށް ވެނެޒުއޭލާގެ ތެލުގެ ވިޔަފާރީގެ ފައިދާ ހޯދައިދެއްވުމަށް ނައިބު ރައީސްގެ މަގާމުގެ ނުފޫޒު ވެންސް ބޭނުންކުރެއްވި ކަމަށް ބެލެވޭތީ އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ކުރިއަށް އޮތް ޖެނުއަރީ މަހު އައު ކޮންގްރެސްއާއެކު ސެނެޓް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަރމަންޓަލް އެފެއާޒް ކޮމިޓީގެ ޗެއަރގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ހަސަން ވަނީ، ވެންސް ނުވަތަ އެ މަނިކުފާނުގެ އޮފީހުގެ މުވައްޒަފުންނާއި، ވިޓޯލްގެ ޓްރޭޑަރު ޖޯން އެޑިސަން އަދި އެ ކުންފުންޏާ ދެމެދު ބަދަލުކުރެވިފައިވާ މުއާމަލާތްތަކުގެ އެންމެހައި ލިޔެކިޔުންތައް ޑިސެމްބަރު 14 ގެ ކުރިން ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.

ރިޕޯޓުތަކުން އެނގޭ ގޮތުގައި، މި ތަހުގީގު ފެށިފައިވަނީ ޖެނުއަރީ މަހު އެމެރިކާއިން ވެނެޒުއޭލާއަށް އަރައިގަނެ އެ ގައުމުގެ ލީޑަރު ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމުގެ އެއް ހަފުތާ ކުރިން، ވެންސް އާއި އެޑިސަންއާ ދެމެދު ބައްދަލުވުމެއް ބޭއްވުނު ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އެ ބައްދަލުވުން ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު މޮންޓާނާގެ "ޔެލޯސްޓޯން ކްލަބް" އަށް ވެންސް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައި ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. އޭރު ވެނެޒުއޭލާގެ ތެލުގެ ވިޔަފާރީގެ އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް، އެޑިސަންއަކީ ވިޓޯލްގެ ގޭސޮލިން ޓްރޭޑަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ. މައުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ވެނެޒުއޭލާގެ ތެލުގެ ފޯރުކޮށްދިނުން އެމެރިކާގެ ބާރުގެ ދަށަށް ގެނެވިއްޖެނަމަ އެ ބާވަތުގެ ތެޔޮ ކިހާ އަވަހަކަށް މާކެޓުގައި ވިއްކާލެވިދާނެތޯ ވެންސް އެއްސެވުމުން، އެ ގާބިލުކަން ވިޓޯލްއަށް ލިބިފައިވާ ކަމަށް އެޑިސަން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އެފަދަ ބައްދަލުވުމެއް ހިނގިކަން ވެންސް އާއި އެޑިސަން ވެސް ވަނީ ދޮގުކުރައްވާފައެވެ. އަދި ވެންސްގެ ޕްރެސް ސެކްރެޓަރީ ލޫކް ޝްރޯޑާ ވެސް ވިދާޅުވީ އެއާޕޯޓުގައި ބައްދަލުވުމެއް ބޭއްވި ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ސެނެޓަރު ހަސަން ފާހަގަކުރެއްވި ގޮތުގައި، ދެ ބޭފުޅުން އެކަން ދޮގުކުރެއްވި ކަމުގައި ވިޔަސް، އެ ބައްދަލުވުން ހިނގި ކަމަށް ބުނާ ދުވަހު އެޑިސަންގެ ޕްރައިވެޓް ޖެޓާއި ވެންސް ދަތުރުކުރެއްވި ސަރުކާރުގެ މަތިންދާބޯޓު މޮންޓާނާގެ އެއް އެއާޕޯޓެއްގައި ޖައްސާފައިވާކަން ފްލައިޓް ރެކޯޑުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ.

މަޑޫރޯ ވެރިކަމުން ދުރުކޮށް، 100 އަށްވުރެ ގިނަ މީހުން މަރުވި އަސްކަރީ އޮޕަރޭޝަނަށް ދެ ދުވަސް ފަހުން، ޖެނުއަރީ 5 ވަނަ ދުވަހު އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް ވަނީ ހޫސްޓަންގައި ހުންނަ އޮފީހުގައި އިންނަވައިގެން އެޑިސަންއަށް ފޯނުން ގުޅުއްވާފައެވެ. އަދި ސިޔާސީ ބަދަލުތަކަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ވެނެޒުއޭލާގެ ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ވިޓޯލްގެ އެބައޮތްތޯ އޮޅުންފިލުއްވި ކަމަށް އެޑިސަން ވަނީ ރޮއިޓާސްއަށް ކަށަވަރުކޮށްދެއްވާފައެވެ. ހަކަތަ އާއި ބެހޭ ޑިޕާޓްމަންޓުން ވެސް މި ފޯން ކޯލް ހިނގިކަން ކަށަވަރުކޮށްދީފައިވެއެވެ.

އޭގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވިޓޯލް އާއި އެ ކުންފުންޏާ ވާދަވެރި "ޓްރެފިގޫރާ" އަށް ވެނެޒުއޭލާގެ ތެޔޮ ވިއްކުމުގެ ހާއްސަ ހުއްދަ ނުވަތަ ލައިސަންސް ލިބިގެންދިޔައެވެ. ދާއިރާގެ މާހިރުން ލަފާކުރާ ގޮތުގައި، މި 2 ކުންފުނިން އެ ތެޔޮ ވިއްކައިގެން އެތައް 100 މިލިޔަން ޑޮލަރެއްގެ ފައިދާ ވަނީ ހޯދާފައެވެ. މީގެއިތުރުން، ސްޓޭޓް ޑިޕާޓްމަންޓުން މި މަހުގެ ކުރީކޮޅު އާންމުކުރި ރިޕޯޓެއް ބުނާ ގޮތުގައި، މި އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ވެނެޒުއޭލާގެ ތެލުގެ އާމްދަނީގެ ގޮތުގައި 12 ބިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތް އެމެރިކާއިން ވަނީ ހިންގާފައެވެ.

ފެޑެރަލް އިލެކްޝަން ކޮމިޝަންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު ވެންސް ސެނެޓަށް އިންތިހާބުވުމަށް އެހީތެރިވުމުގެ ގޮތުން "ޕްރޮޓެކްޓް އޮހަޔޯ ވެލިއުސް" ޕޮލިޓިކަލް އެކްޝަން ކޮމިޓީ (ޕެކް) އަށް އެޑިސަން ވަނީ 300,000 ޑޮލަރު ހަދިޔާކުރައްވާފައެވެ. އަދި 2024 ވަނަ އަހަރު ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން އެޑިސަން އާއި އޭނާގެ އަނބިކަނބަލުން ޝެނަން ވަނީ އެކި ސިޔާސީ ކޮމިޓީތަކަށް ޖުމްލަ 7 މިލިޔަން ޑޮލަރު ހަދިޔާކުރައްވާފައެވެ.