ސަރުކާރުގެ ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ޕީއެންސީއާއެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިޚާބުގައިވެސް އެޕާޓީއާއެކު އިއްތިހާދެއް ހެދުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީން ބުނީ، ދީނީ ކަންކަން ފުޅާކޮށް ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިޤުތިސާދު ރަނގަޅު ކުރަން ސިޔާސީ ފަރާތްތަކުގެ އެެއްބާރުލުން ބޭނުންވާ ކަމަށް ބަޔާންކޮށް ސަރުކާރާއެކު މަސައްކަތްކުރަން އެ ޕާޓީއަށް ދައުވަތު ރައީސް ޑރ. މުޢިއްޒު ދަޢުވަތުދެއްވާފައިވާކަމަށެވެ.

ރައީސް ދެއްވާފައިވާ ދައުވަތު ޤަބޫލުކުރައްވާ އެ ޕާޓީއިން ނެރެފައިވާ ބަޔާނުގައި ބުނީ،
މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ.
އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއިދުކޮށް މަސައްކަތްކުރާނެކަމަށް އެޕާޓީގެ ބަޔާނުގައިވަނީ ބުނެފައެވެ.

އަދާލަތު ޕާޓީއިން ފާހަގަކޮށްފައިވާ ގޮތުގައި އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމްދީނުގެ އަގީދާއާއި އުސޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަޤުސަދުކަމަށެވެ. ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ޤައުމީ އެއްބައިވަންތަކަމާއި އެކުވެރިކަން ބަދަހިކޮށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަކީ ޤައުމަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށްވެސް އަދާލަތު ޕާޓީން ވަނީ ފާހަގަކޮށްފައެވެ.