ދިވެހި މުޖުތަމަޢަކީ ކަރާމާތް ނަގަހައްޓައި، ޤައުމީ ތަރިކަ ދަމަހައްޓައި، ދިވެހި ޤައުމިއްޔަތަށާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ ބަޔަކަށް ހެދުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މުހިއްމުކަމާއި އެކަމުގެ ފައިދާތައް އަދި އިހުގައި ދިވެހިންގެ މެދުގައި އޮތް އިޙުތިރާމް އަދާކުރުމުގެ ރީތި ސިފައަށް އަލިއަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އިހު ދިވެހިންގެ މެދުގައި އޮތް ރީތި އާދައަކީ އާއިލާއާއި، ރައްޓެހިންނާއި، ޖަމާޢަތުގައި އަދި މުޅި ޤައުމުގައި އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކުރުންކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ އަޅުގަނޑުމެން އަދާކުރާ ކޮންމެ މަސްއޫލިއްޔަތެއްގައި، ކުރާ ކޮންމެ މަސައްކަތެއްގައި އެންމެހާ މުޢާމަލާތްތަކެއްގައިވެސް އިޙްތިރާމުކުރުން އޮތްކަން ރައީސް ފާހަގަކުރެއްވުއެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ވަނީ، ދެ ބާވަތެއްގެ ތަރައްޤީއެއް ދިވެހިރާއްޖެއަށް ގެންނަވާނެކަމަށް ވިދާޅުވި ބަސްފުޅަށް އަލިއަޅުވާލައްވާފައެވެ. އަދި އެދުވަހު އެމަނިކުފާނު ވަޢުދުވި ގޮތަށް އެ އިޤުރާރު ހަޤީޤަތަކަށް ހެދުމުގެ އަޒުމުގައި ހުންނެވިކަމަށް ވިދާޅުވިއެވެ.

" އެއީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުން. ދިވެހި ފަސްގަނޑު އިމާރާތް ކުރުމާއި، ދިވެހިންގެ ވިސްނުން ބިނާކުރުން. ދިވެހިންގެ ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލުން. ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާކުރުން. މިގޮތުން ޙަޤީޤީ، މާނަހުރި، ވަށާޖެހޭ ތަރައްޤީ ޙާސިލްކުރުން. މިރޭ މިވަގުތުވެސް އަޅުގަނޑު މި ހުރީ އެ ސިޔާސަތާއެކުގައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"ދިވެހިންނަކީ ޤައުމިއްޔަތަށާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ ބަޔަކަށް ހަދާނަން"
"ދިވެހިންނަކީ ޤައުމިއްޔަތަށާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ ބަޔަކަށް ހަދާނަން"
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ރައީސްއޮފީސް

މާތް ﷲ އިންސާނާ ލެއްވީ އެންމެ މާތް މަޚުލޫގުގެ ގޮތުގައިކަން ފާހަގަކުރައްވާ ރައީސް ވަނީ، އެކަން އޭނާގެ ޢަމަލުތަކުންނާއި ކިބައިން ފެންނަންޖޭހެކަމަށް ވިދާޅުވެފައެވެ. އެއީ، ޖަމާޢަތެއްގެ އުފާވެރިކަމާއި ޤައުމެއްގެ ރަށްވެހިކަން ދިރިގެން އަންނަނީ އެ ގޮތުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ތަހުޒީބު އިންސާނީ ކޮންމެ ޖަމާޢަތެއްގައި ވެސް އެބައެއްގެ ޤައުމީވަންތަކަން ނުވަތަ ޤައުމިއްޔަތު ދައްކައިދޭ ޚާއްޞަ ސިފަތަކެއް ހުންނަ ކަމަށާއި، އެބައެއްގެ އިންސާނީ އަޚުލާޤިއްޔާތުގެ ފެންވަރާއި މިންވަރު އަންގައިދޭ މާނަހުރި ފާހަގަތަކެއް ހުންނަކަން ފާހަގަކުރެއްވިއެވެ. އޭގެތެރެއިން އެންމެ ފާޅުކަން ބޮޑު ނިޝާންތަކަކީ، އެބައެއްގައި ހުންނަ އިޙުތިރާމު ކުރުމުގެ ސިފަތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި އިޙުތިރާމް އަދާކުރުމަކީ، ވަރަށް ފުޅާ ފުން މައުޟޫޢެއް ކަމަށާއި، މިއީ ދިވެހީންގެ ކިބައިން ވަރަށް މަތިވެރި ދަރަޖައަކަށް އެއް ޒަމާނެއްގައި ފެނުނު މާނަވީ ޙަޤީޤަތެއްކަންވެސް ފާހަގަކުރެއްވިއެވެ. ދިވެހީންގެ ތެރޭގައި އިހުގައި ވަގުތަށް ކަމޭހިތުމަކީ، ފެންނަ ވަރަށް މަތިވެރި ސިފައެއް ކަމަށާއި، އެއީ ސަރުކާރުގެ މުވައްޒަފެއް ކަމުގައި ވިޔަސް، އާންމު ދިވެއްސެއް ކަމުގައިވިޔަސް އަދި އޮފީހެއްގެ ވެރިއެއް ކަމުގައިވިޔަސް ވަގުތަށް ކަމޭހިތުމަކީ އޭރު ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ރަށުގެ ރައްޔިތުންނަށް މަސައްކަތަކަށް ގޮވާލީމާ ގަޑިއަށް ރައްޔިތުން އޭރު ހާޒިރުވޭ. އޮފީސް މުވައްޒަފުންގެ ރެކޯޑުތައް ރީތި. ބައެއް ބޭފުޅުންގެ ރެކޯޑު ސަރުކާރުގައި ހުންނާނެ 50 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވިއިރުވެސް ދުވަހަކުވެސް ގަޑި ޖެހިވަޑައިގެންފައިނުވާ ބޭފުޅުން. މަދަރުސީ ދަރިވަރުންގެ ތެރޭގައިވެސް މިފަދަ ކުދިން ތިބި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިހުގައި ދިވެހިންނަކީ އަވަށްޓެރިންނަށް ކަމޭހިތާ ހިތްހެޔޮ ބައެއް ކަމަށެވެ. އެގޮތުން ބޭރުގެ ބައެއް ދަތުރުވެރިންގެ ބަސްތަކުން މިސާލު ނަންގަވައި ހިއްސާކޮށްދެއްވިއެވެ. ދިވެހީންގެ ކިބައިން އޭރު ފެނުނު މަތީ ދަރަޖައަކަށް އިޙުތިރާމު ކުރުމުގެ މާތް ސިފަޔަކީ، ދިވެހި އޮޑިފަހަރުގެ ފަށަން އެ އޮޑީގެ އެހެން މަޑޫތަކާ ގުޅިފައިވާ ފަދައިން، ދިވެހީންގެ އެންމެހާ ކަންތައްތަކާ ގުޅިފައިވާ، ދިވެހިވަންތަކަމުގެ ސާފު ދަލީލެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިފަދަ މަތިވެރި އަގުހުރި އިންސާނީ ޙަޤީޤަތެއްގައި އަޅުގަނޑުމެން އެތައް ޒަމާނެއް ވަންދެން ދެމި ތިބި ސިއްރަކީ، މާތްވެގެންވާ އިސްލާމްދީން ކަމަށާއި، އިސްލާމްދީނަކީ ރީތި ރަނގަޅު ހުރިހާ ކަމެއްގެ ޙަޤީޤީ އަސްލުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މާތް ދީނުގެ ފޮތް މާތް ﷲގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް އިޙްތިރާމު ކުރުމުގެ މަތިވެރި އެތައް ދަރެސްތަކެއް ލިއްބައިދޭކަން ފާހަގަކުރެއްވިއެވެ.

"ދިވެހިންނަކީ ޤައުމިއްޔަތަށާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ ބަޔަކަށް ހަދާނަން"
"ދިވެހިންނަކީ ޤައުމިއްޔަތަށާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ ބަޔަކަށް ހަދާނަން"