އަޅުގަނޑުމެންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫޙަކީ އިޙުތިރާމް ކުރުމާއި، އެކަކު އަނެކަކަށް ޤަދަރުކުރުންކަން އަބަދުވެސް ހަނދާން ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ އެކަކު އަނެނަކުގެ ލެޔާއި، މުދަލާ ޢަބުރު ރައްކާތެރިކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށެވެ. އަޅުގަނޑުމެންގެ އިސްލާމްވަންތަކާއި ދިވެހިވަންތަކަމުގެ ރޫޙަކީ، އިޙްތިރާމް ކުރުމާއި އެކަކު އަނެކަކަށް ޤަދަރުކުރުންކަން އަބަދުވެސް ހަނދާން ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، އެކަކު އަނެކަކުގެ ކަރާމާތާއި ޤަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުވާން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތް ކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާން ޖެހޭކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވަނީ، ޣީބަބުނުމާ އާޑަފުރައްސާރަ ކުރުމުގެ ނުބައި ޢަމަލާ ކައިރިނުވުމަށް ޢަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންގެ އުޅުންތަކާ ގުޅުންތައް މިގޮތުގައި ބެހެއްޓިއްޖެނަމަ، ސައްތައިންސައްތަ މި އިސްލާމީ ޤައުމަކީ، މާތް ﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމަޢުއަކަށް ވެގެންދާނެ. އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި، ޣީބަބުނުމާ ދޮގު ހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޠާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙުތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް އިންޝާﷲ ވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިޙްތިރާމު ކުރުމަކީ، އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައް ކުރުމެއް ކަމަށާއި، އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާ އިންތިހާޔަށް ބޭނުންތެރިކަމަށް ރައީސް ވިދާޅުވިއެވެ. އިޙްތިރާމު ކުރުމުގެ މައުޟޫޢަކީ، އަޅުގަނޑުމެންގެ މުޅި ޙަޔާތާ ގުޅިފައިވާ މައުޟޫޢެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، އަޅުގަނޑުމެންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށާއި، އޮފީސްތަކާއި މަދަރުސާތަކާއި މިފަދަ އެންމެހާ ތަންތާނުގެ އުފަލަކީ ހިތްތަކަށް ލިބޭ ތަސައްލީއަކީ އިޙްތިރާމުކުރުން ކަމުގައި ހަދަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އަޅުގަނޑުމެންގެ ގެދޮރުގައި އާއިލާތަކުގައި އިޙުތިރާމު ދެމެހެއްޓުމަށާއި އެއްބަނޑު ތިމާގެ ކަމާއި ރައްޓެހި ރަޙަމަތްތެރިކަމުގައި އިޙްތިރާމުކުރުން ދަމަހައްޓަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ޤައުމުގެ ޞުލްޙަ މަސަލަސްކަމަށް އިޙްތިރާމްކުރަން ޖެހޭކަމަށާއި، ޤައުމަށް ލިބިފައިވާ ރީތި ނަމާ ޤަދަރަށް އިޙުތިރާމްކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"މިރޭ އަޅުގަނޑުމެން ކޮންމެ މީހަކު އެކަށައަޅާ ޢަޒުމަކީ މިއީ. އަޅުގަނޑުމެންގެ ކާބަފައިންގެ ޝަރަފުވެރި އަމާން ރައްކާތެރި މާޒީގެ އުފާވެރިކަން އަލުން ހޯދުމުގެ ޢަޒުމް. އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސަށް ގެންނަ އިޞްލާޙީ ބަދަލަކީ މިއީ. އިސްލާމްދީނުގެ މަތިވެރި ހަމަތަކާ ރީތި މިސާލުތަކާއި އެއްގޮތަށް އަޅުގަނޑުމެންގެ އުޅުންތަކާ ގުޅުންތައް އިސްލާޙުކުރުމުގެ ބަދަލު. އެގޮތުން ތަރައްޤީވެފައިވާ ތަހުޒީބު މުޖުތަމަޢަކަށް މި މުޖުތަމަޢު ހެދުން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ދިވެހީންގެ ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލުމަށް ގޮވާލައްވާފައެވެ. އަދި ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާކުރުމަށްވެސް ގޮވާލެއްވިއެވެ.