އިގްތިސާދީ ދަތިތައް އެމެރިކާގެ ރައްޔިތުން ތަހައްމަލުކުރަމުންދާކަން ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއުތިރާފުވެވަޑައިގެންފިއެވެ.
މިޑްޓާރމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހު، އެމެރިކާގެ ރައްޔިތުން މިހާރު އިގްތިސާދީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާކަން އެ ގައުމުގެ ޚާރިޖީ ވަޒީރު ނުވަތަ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގަބޫލުކުރައްވައިފިއެވެ.
ފެޑެރަލިސްޓް ސޮސައިޓީގައި ތަގުރީރުކުރައްވަމުން ރޫބިއޯ ވިދާޅުވީ، ގައުމެއްގެ އިގްތިސާދީ ދުޅަހެޔޮކަން ވަޒަންކުރަންވާނީ ހަމައެކަނި ސްޓޮކް މާކެޓަށް ބަލައިގެން ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމުގެ ކުޅެދުންތެރިކަން ހުރި މިންވަރަކަށް ބަލައިގެން ކަމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް ސިޔާސަތުތަކާއި، އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ އިތުރުން، ތަކެތީގެ އަގުތައް ތިރިކުރުމަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން، ވޯޓުލީ ފަރާތްތަކުން ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެ ހަނގުރާމަ މުހިންމު ކަމުގައި ވީނަމަވެސް، އޭގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހިފައިވާކަން ރޫބިއޯ ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އދއާއި، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީ.ސީ) ގެ އިތުރުން ދުނިޔޭގެ ނުފޫޒުގަދަ ޖަމާއަތްތަކުން އެމެރިކާގެ މަސްލަހަތުތަކަށް ހުރަސްއަޅަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ރޫބިއޯ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ލެޓިން އެމެރިކާ ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރެވޭ އުޅަނދުފަހަރަށް އަމާޒުކޮށްދޭ ހަމަލާތަކާއި، ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުން ފަދަ އެމެރިކާގެ ނިންމުންތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ޤާނޫނުތައް އައްޑަނައަކަށް ހަދަނީ، އެމެރިކާގެ ބާރު ކަނޑުވާލައި ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ރައްޔިތުން ދަނީ ދަތި އުނދަގޫތަކަކާ ކުރިމަތިލަމުން: އެމެރިކާގެ ޚާރިޖީ ވަޒީރު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed