ކޮޕް31ގައި ކުރިއަށްދިޔަ ތެލާއި ގޭސް ބޭނުންކުރުން ހުއްޓާލުމުގެ ބަހުސްގައި ގައުމުތައް ދެބަޔަކަށް ބެހިއްޖެއެވެ.
ތުރުކީވިލާތުގައި އދ އިން ކުރިއަށްގެންދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގެ މަޝްވަރާތަކަށް ހަފުތާއަށް ވެފައިވާއިރު، އެއްބަސްވުމަކަށް ވާސިލުވުމަށްޓަކައި ވަގުތު ބޭކާރުކުރުން ހުއްޓާލައި، އެންމެ ދަތި އަދު އުނދަގޫ މައްސަލަތަކާ ކުރިމަތިލުމަށް އދގެ މޫސުމާ ބެހޭ އެންމެ އިސް އޮފިޝަލް ސައިމަން ސްޓީލް ގައުމުތަކަށް އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާއި ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލުމުގެ ސަބަބުން، މިއަހަރުގެ ބައްދަލުވުމުގައި ދުނިޔެ ހޫނުވުމުގެ މައްސަލައަށް ސަރުކާރުތަކުން ދޭ އަހައްމިއްޔަތުކަން ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. ސްޓީލް ވިދާޅުވީ، ކޮންމެ ގައުމެއްގެ ވެސް އަމިއްލަ މަސްލަހަތުތަކަކާއި ހިޔާލުތަކެއް ހުރި ނަމަވެސް، އެއްބަސްވުމުގެ ކޮންމެ ލަފުޒަކަށާއި ޖުމްލައަކަށް އިއްތިފާގުވުމަކީ ދަތި، އެހެންނަމަވެސް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. މައިގަނޑު ގޮތެއްގައި ބޮޑެތި ގައުމުތަކުން ތެލާއި، ގޭހުގެ އިތުރުން ދެލި (ކޯލް) ބޭނުންކުރުން ހުއްޓާލުމަށް ނުވަތަ އެކަމަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައެޅުމަށް ހުރަސްއަޅަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަމިޓުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ތުރުކީވިލާތުން މަސައްކަތްކުރަމުން ދަނީ، ތެލުން ހިންގާ އުޅަނދުތަކާއި ވަސީލަތްތައް ދޫކޮށް، ކަރަންޓު ނިޒާމުތައް ފުޅާކުރުމުގެ ހުށަހެޅުމެއް މި އެއްބަސްވުމުގައި ހިމެނުމަށެވެ. ނަމަވެސް، މި ހުށަހެޅުމުގައި އިއާދަކުރަނިވި ހަކަތައިން އެކަނި ކަރަންޓު އުފެއްދުން ލާޒިމުކޮށްފައި ނުވާތީ، ތިމާވެށީގެ ދާއިރާގެ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސައުދީ ޢަރަބިއްޔާ އަދި ރަޝިއާ ފަދަ ތެޔޮ އުފައްދާ ބޮޑެތި ގައުމުތަކުން ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާ ދެކޮޅަށް އަބަދުވެސް ވަކާލާތުކުރަމުންދާއިރު، އިންޑިއާ ފަދަ ކުރިއަރަމުން އަންނަ ބޮޑެތި އިގްތިސާދުތަކުން ބުނަމުންދަނީ މިފަދަ ނިންމުންތަކުގެ ސަބަބުން އެ ގައުމުތަކުގެ ތަރައްގީއަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ. މީގެއިތުރުން، ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭނުންކުރާ އެމެރިކާއިން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، ޖެހިޖެހިގެން ދެވަނަ އަހަރަށް މި ސަމިޓުގައި ބައިވެރިނުވާން ނިންމާފައެވެ. މި ހުރިހާ ގޮންޖެހުންތަކާ އެކުވެސް، މިހާތަނަށް ކުރެވުނު މަޝްވަރާތަކަކީ އުންމީދީ މަޝްވަރާތަކެއް ކަމަށް ސްޓީލް ވިދާޅުވިއެވެ.
ތެލާއި ގޭސް ބޭނުންކުރުން ހުއްޓާލުމުގެ ބަހުސްގައި ހިޔާލުތަފާވުންތަކެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed