ޕާކިސްތާނުގެ ސަރުކާރުން ދަނޑުތަކުގެ ކުނި އެންދުމާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ނިންމައިފިއެވެ. މި ފިޔަވަޅު އެޅީ ލާހޯރުގެ ވައި ނުސާފުވަނީ ކުނި އަންދާތީކަމަށް ޕާކިސްތާނުގެ ސަރުކާރުން ދެކޭތީއެވެެ.
ފިނި މޫސުން ފެށުމުގެ ކުރިން ދެކުނު އޭޝިއާގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ފެންވަރު ކުއްލިއަކަށް ދަށަށް ގޮސް، ދުނިޔޭގައި ވައި އެންމެ ބޮޑަށް ނުސާފު އެއް ސިޓީގެ ގޮތުގައި ޕާކިސްތާނުގެ ލާހޯރު ވަނީ ރެކޯޑުކުރެވިފައެެ.
މި ދަނޑިވަޅުގައި، ލާހޯރުގެ ވައި ތަޣައްޔަރުވުމުގެ މައްސަލަ އިތުރަށް ގޯސްވާ ގޮތަށް ގަވާއިދާ ހިލާފަށް ކުނި އަންދަމުންދާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ޕާކިސްތާނުގެ އިދާރާތަކުން ވަނީ ހަރުކަށިކޮށްފައެވެ.
ޕާކިސްތާނުގެ ސަރުކާރުން ވަނީ ގަވާއިދާ ހިލީފައް ކުނި އަންދާ ފަރާތްތައް ދެނެގަނެ، އެކަން ހުއްޓުވުމަށް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލާފައެވެ. ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ ވައި ތަޣައްޔަރުވުމާ ދެކޮޅަށް މަސައްކަތްކުރުމަށް އެ ގައުމުގައި އުފެއްދި މިފަދަ ފުރަތަމަ ޓާސްކް ފޯސްއެވެ. މި ޓާސްކް ފޯސުން ވަނީ ލާހޯރުގެ ބޭރުގައި އޮތް ހަނޑޫދަނޑެއްގައި ރޯކޮށްލި އަލިފާންގަނޑު، މާ ގިނައިރުތަކެއް ނުވަނީސް، އެ ސަރަހައްދަށް ގޮސް ނިއްވާލާފައެވެ.
މި ހަފުތާގެ ތެރޭގައި ސްވިސް ގްރޫޕެއް ކަމަށްވާ އައިކިއުއެއާ އިން ވަނީ ލާހޯރުގެ ވައި ތަޣައްޔަރުވެފައިވާ މިންވަރު ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް އަރާފައިވާ ކަމަށް ބުނެފައެވެ.
ދަނޑުތަކުގައި ގޮވާން ކެނޑުމަށްފަހު، އާންމުގޮތެއްގައި މި ސަރަހައްދުގެ ދަނޑުވެރިން ހަނޑުލުގެ ބާކީބައިތައް އަންދައެވެ. މި ކަމުގެ ސަބަބުން އަރާ ދުމާއި، ސިނާއީ މަސައްކަތްތަކުން ބޭރުވާ ގޭސްތަކާއި، ދުއްވާ އެއްޗެހީގެ ދުމުގެ އިތުރުން އިމާރާތްކުރުމުގެ މަސައްކަތުން އަރާ ހިރަފުސް އެއްވެ، ވައިގެ ތަޣައްޔަރުކަން އިންތިހާއަށް މައްޗަށް ދެއެވެ.
ޕާކިސްތާނުގެ ޕަންޖާބުގެ ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޑިޕާޓްމަންޓުގެ ރައިސް ސިލްވަތު ސައީދު ވިދާޅުވީ، މި އަހަރު ސަރުކާރުން 750 މެންބަރުންގެ މައްޗަށް އެކުލެވޭ އަވަސް އިޖާބަދޭ 67 ޔުނިޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ޓީމުތަކުގެ އަމާޒަކީ ދަނޑެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބޭތާ 10 މިނެޓާއި 15 މިނެޓުގެ ތެރޭގައި އެ ސަރަހައްދަކަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ހަފުތާގެ އެންމެ 24 ގަޑިއިރު ތެރޭގައި ޕަންޖާބުގެ އެކި ސަރަހައްދުތަކުން ދަނޑުތަކުގައި އަލިފާން ރޯވި 679 ހާދިސާއެއް ޑިޕާޓްމަންޓަށް ރިޕޯޓުކުރިއިރު، އޭގެ ތެރެއިން 650 އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޖޫރިމަނާކުރުމާއި ހައްޔަރުކުރުމުގެ ފިޔަވަޅު އަޅައެވެ. ކުނި އަންދާ ދަނޑުވެރިން، އަންދާ ކޮންމެ އޭކަރަކަށް 15،000 ޕާކިސްތާނީ ރުޕީސް ނުވަތަ 54 ޑޮލަރުން ޖޫރިމަނާކުރެވޭނެ ކަމަށް ޕަންޖާބުގެ ދަނޑުވެރިކަމާ ބެހޭ ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ފާރޫގު ވިދާޅުވިއެވެ. ޖޫރިމަނާ ނުދައްކާ ފަރާތްތަކާ މެދު ދައުވާ އުފުލައި، ހަމަސް ދުވަހުގެ ޖަލު ހުކުމެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ފަހަކަށް އައިސް ލާހޯރުގެ ހަސްފަތާލުތައް ބަލިމީހުން ގިނަވެ ވަނީ ފުރިބާރުވެފައެވެ. ޕަންޖާބުގެ ތިމާވެށި ހިމާޔަތްކުރާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ނައްޔާރު ވިދާޅުވީ، ސިއްހަތާ ބެހޭ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ މަހު ތަޣައްޔަރުވެފައިވާ ވައިގެ ސަބަބުން ކަރުގެ މައްސަލަތަކުގައި ހޮސްފަތާލަށް އެޑްމިޓްކުރި މީހުންގެ އަދަދު ހުރީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުރި މިންވަރުގެ %69 ގައެވެ.
ދަނޑުތަކުގެ ކުނި އެންދުމާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ޕާކިސްތާނުން ހަރުކަށިކޮއްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed