ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2026ގައި ބޫޓާނާއި ލަންކާ ބައްދަލުކުރި މެޗު އެއްވަރުވުމުން މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް ސެމީ ފައިނަލަށް ގޮސްފިއެވެ.

ބަންގްލަދޭޝްގެ ނެޝެނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭއިން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއަށް ވަނީ ލިބިފައެވެ.

ބަންގްލަދޭޝްއަށް ސެމީ ފައިނަލުގެ ޖާގަ ލިބެނީ ފުރަތަމަ މެޗުގައި ބޫޓާންގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިފައިވުމުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު ފަށައިގެން ލަންކާއިން ކުރިއަށްޖެހި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ލަންކާގެ ވާޑޭ ޑަރެންއަށް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއްލިބި ބޭކާރުވިއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޫޓާނުންނެވެ. މެޗުގެ 33 ވަނަ މިނިޓްގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ޑަވާ ސްވިރެންގް އެވެ. އެކަމަކު އޭގެ މިނިޓެއް ފަހުން ލަންކާގެ އޮލިވާ ޖޭމްސް ކެލާޓް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަންކާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު ވަސީމް ރަޒީކްއެވެ.

މެޗުގެ 67 ވަނަ މިނިޓްގައި ބޫޓާނަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސްރީލަންކާގެ އޭރިއާ ތެރެއިން ލަންކާ ކުޅުންތެރިއަކު އަތުގައި ބޯޅައިޖެހުމުން ބޫޓާނަށް ޕެނަލްޓީއެއް ލިބުނުއިރު، ބޫޓާންގެ ޗެންޗޯ ފޮނުވާލި ޕެނަލްޓީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެކަމަކު މެޗުގެ 77 ވަނަ މިނިޓްގައި ބޫޓާންގެ ކެޕްޓަން ޗެންޗޯ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ޗެންޗޯ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގައި ލަންކާގެ ރާހުލް ސުރޭޝްއަށް ވަނީ ލަނޑު ޖަހަން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ބޫޓާންގެ އޭރިއާ ތެރެއަށް މުޅިން ހުސްކޮށް ވަދެ އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބޫޓާންގެ ކީޕަރު ޒަންގްޕޯއެވެ.