ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތަކުގެ ތައްޔާރީ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާގެ ފަންނީ ވަފުދުން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމަކީ، ކުރިއަށް އޮތް އދގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ކޮޕް 31ގެ މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގުޅިގެން ބާއްވާ ޚާއްޞަ ތައްޔާރީ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ، މޫސުމީ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ޙަރަކާތްތެރިވާ އެ ވުޒާރާގެ މަންދޫބުންނެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތަކާއި، އެ ޤައުމުތަކުން ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތުކުރާނެ މުހިންމު ދާއިރާތައް ކަނޑައަޅައި، އެއްބަސްވުންތަކަކަށް ވާސިލުވުމެވެ. ޚާއްޞަކޮށް މޫސުމީ ވިލުންތެރިކަން އިތުރު ކުރުމަށާއި، ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ސިޑްސްގެ ޤައުމުތަކުގެ އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއް ޤައުމަށް ވުމާއެކު، ބައިނަލްއަޤުވާމީ މިފަދަ މަޝްވަރާތަކުގައި ރާއްޖެއިން އަބަދުވެސް އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ. އެގޮތުން ކޮޕް31 އަށް އަމާޒުކޮށްގެން އަންތާލިޔާގައި ކުރިއަށްދާ މި ބައްދަލުވުމުގައިވެސް، ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ހިމާޔަތް ކުރުމަށާއި މޫސުމީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ދިވެހި ވަފުދުން ވަކާލާތު ކުރެއެވެ.
ކޮޕް-31ގައި ކުދި ޖަޒީރާ ޤައުމުތަކުން ހުށައަޅާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިދިޔަ މަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމުގައިވެސް ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
ކޮޕް31: ތައްޔާރީ ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވެއްޖެ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed