7 ވަނަ ވޯލްޑް މީޑިއާ ސަމިޓްގެ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބާއްވައިފިއެވެ. މިސަމިޓްގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ބައިވެރިވެވަޑައިގަންނަވައެވެ.
7 ވަނަ ވޯލްޑް މީޑިއާ ސަމިޓް ކުރިއަށްދަނީ ޗައިނާގެ ބެއިޖިންގައެވެ. ދުނިޔޭގެ 112 ގައުމަކާއި ސަރަހައްދަކުން، މީޑިއާ އިދާރާތަކާއި، ދިރާސާކުރާ ފަރާތްތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމްޢިއްޔާތައް ހިމެނޭހެން ގާތްގަނޑަކަށް 330 އިދާރާއަކުން 500 އެއްހާ މަންދޫބުން މިސަމިޓުގައި ބައިވެރިވެއެވެ.
ޝިންހުއާ ނިއުސް އެޖެންސީއާއި ބެއިޖިންގ މުނިސިޕަލް ޕީޕަލްސް ގަވަރމަންޓް ގުޅިގެން "މީޑިއާ އިން ދަ އިންޓެލިޖެންޓް އޭޖް: ފްރޮމް ކޮންސެންސަސް ޓު އެކްޝަން" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ ނޮވެންބަރު މަހުގެ 5 އިން 9 އަށެވެ. މި ބައްދަލުވުމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި، މީޑިއާ ހިންގުމުގެ ނިޒާމުތަކުގެ އިތުރުން ނޫސްވެރިކަމުގެ މުސްތަގުބަލާ ގުޅޭގޮތުން ދުނިޔޭގެ މީޑިއާ ލީޑަރުންގެ މެދުގައި ޚިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއަރޕަރސަން އާމިނަތު ނަމްޒާ ވެސް ވަނީ މި ސަމިޓުގެ ފޯރަމެއްގައި ތަގުރީރު ކުރައްވާފައެވެ. ނަމްޒާގެ ވާހަކައިގައި، އޭއައިގެ ނިޒާމުތައް ބައްޓަންކުރުމުގައި އިންސާނުންނަށް އިސްކަންދިނުމަށާއި، މިފަދަ ބަދަލުތަކަށް އާންމުން
ހޭލުންތެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ހަލުވިކަމާއެކު ކުރިއަރަމުންދާ ޑިޖިޓަލް ދުނިޔޭގައި، ކުދި ގައުމުތަކާއި އެ ގައުމުތަކުގެ މާދަރީ ބަސްތައް އެކަހެރިވެގެން ނުދާނެކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

މި ސަމިޓާ ގުޅޭގޮތުން ޝިންހުއާ ނިއުސް އެޖެންސީން ތައްޔާރުކުރި ރިޕޯޓުގައި ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާގެ ވާހަކައަށް އަލިއަޅުވާލާފައިވެއެވެ. އެރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަލަށް ތައާރަފުވާ ޓެކްނޮލޮޖީތައް ބޭނުންކުރުމާ ގުޅޭ އުސޫލުތައް އެކުލަވާލުމުގައި ކުދި ގައުމުތަކާއި "ގްލޯބަލް ސައުތު" ނުވަތަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދައުރު އަންނަނީ ފުޅާވަމުންނެވެ.

މި ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ޕީއެސްއެމްގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި ކޮމްޕެނީ ސެކްރެޓަރީ އަބްދުﷲ ރަމީޒާއި، ސަން ސިޔާމް މީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު އާސިފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސަމިޓުގައި ރާއްޖެއިން ބައިވެރިވުމަކީ، މީޑިއާގެ މުސްތަގުބަލާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ވިސްނުމާއި ޚިޔާލު ހުށަހެޅުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާއި، ޑިޖިޓަލް ވަސީލަތްތައް އެންމެނަށް ލިބިދިނުމާ ގުޅޭ ބައިނަލްއަގުވާމީ ނިންމުންތަކުގައި ކުދި ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުން ހާމަވެގެންދިޔައެވެ. މިއީ އެފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގައުމުތަކުގެ ތަޖުރިބާތަކާއި އިސްކަންދޭ ކަންކަން ދުނިޔޭގެ ނިންމުންތަކުގައި ހިމެނުމަށް މަގުފަހިވެގެންދިޔަ ކަމެކެވެ.
މީގެ އިތުރުން، މި ސަމިޓަކީ ބައިނަލްއަގުވާމީ މީޑިއާ ލީޑަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ތަޖުރިބާ ހިއްސާކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ. އަދި އެންމެންގެ ބައިވެރިވުން ހިމެނޭ، ޒިންމާދާރު އަދި އިތުބާރުހުރި މީޑިއާގެ މާހައުލެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު މި ސަމިޓުގައި ފުޅާދާއިރާއެއްގައިވަނީ މަޝްވަރާކޮށްފައެވެ.