ޔަހޫދީންގެ އީދަކާ ގުޅުވައި، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލް-ޚަލީލްގައި ހުންނަ އަލް-އިބްރާހީމީ މިސްކިތް ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ސިފައިން ބަންދުކޮށްފިއެވެ. ނޮވެންބަރު 6 ވަނަ ދުވަހުގެ ހުކުރު ނަމާދު ވަގުތުން ފެށިގެން ނޮވެންބަރު 7 ވަނަ ދުވަހު ފަލަސްޠީނު ގަޑިން ރޭގަނޑު 10 ޖަހަންދެން ޔަހޫދީ ސިފައިން ވަނީ މިސްކިތުގައި ބަންގި ގޮތުން މަނާކޮށް، މުސްލިމުން އެ ތަނަށް ވަނުން މަނާކޮށްފައެވެ. އަދި، މިސްކިތުގެ ގޯތިތެރެއާއި ނަމާދުކުރާ ބައިތައް ހަމައެކަނި ޔަހޫދީންނަށް ހާއްސަކުރަން ނިންމާފައިވާ ކަމުގައި މިސްކިތުގެ ޑިރެކްޓަރު މުޢުތަޒް އަބޫ ސުނައިނާ ވިދާޅުވިއެވެ.

މި ފިޔަވަޅު އަޅާފައި މި ވަނީ އިބްރާހީމްގެފާނުގެ (عليه السلام) އަނބިކަނބަލުން ސާރާގެފާނުގެ (رضي الله عنها) ހަށިކޮޅު ފަސްދާނުވަޑުވާފައިވާ ކަމަށް ބުނެވޭ ތަނުގައި ބާއްވާ އަހަރީ މުނާސަބަތަކާ ގުޅިގެން ކަމުގައި ޔަހޫދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ޔަހޫދީން ފާހަގަކުރާ މި އީދުގައި ބައިވެރިވުމަށް 20,000 އެއްހާ ޔަހޫދީން އެ މިސްކިތަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި މަސްރަހުގެ ދާރިސުން ބުންޏެވެ. މި ކަމާ ގުޅިގެން ޚަލީލްގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، ރައްޔިތުން އެ މީހުންގެ ގެދޮރަށް ވަދެނުކުތުން ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ދެ ދީނުގެ މީހުން ވެސް މާތްކޮށް ހިތާ މި މިސްކިތުގެ ސަލާމަތީ ބާރުތައް، 1997 ގެ އެއްބަސްވުމެއްގެ ދަށުން އޮންނަނީ ނިރުބަވެރި ޔަހޫދީ ސިފައިންގެ އަތްދަށުގައެވެ. ނަމަވެސް، ފަލަސްޠީނުގެ މުނިސިޕަލްޓީއަށް ލިބިފައިވާ އިމާރާތްކުރުމުގެ ބާރުތައް ޔަހޫދީ މާލީ ވަޒީރު ބިޓްޒަލެލް ސްމުތުރީޗު ވަނީ މިދިޔަ ޖޫން މަހު އަތުލައިގަނެފައެވެ. މިއީ، މުޅި މިސްކިތް އެއްކޮށް ހިސާރުކޮށް، އެއީ ޔަހޫދީންގެ ތަނަކަށް ހެދުމަށް ރާވާފައިވާ ހީލަތްތެރި ރޭވުމެއް ކަމުގައި ބުނެ ފަލަސްޠީނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ފިޔަވަޅު އަޅާފައި މި ވަނީ ޚަލީލްގައި ޔަހޫދީ ސިފައިން ހިންގި 10 ދުވަހުގެ ހިސާރު ނިމުނުތާ މަދު ދުވަސްކޮޅެއްގެ ފަހުންނެވެ. އެ ޖަރީމާތަކުގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، 15 ގެއެއް ތަޅައިލައި، 3,300 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ގެދޮރުން ނެރެލާފައެވެ. މީގެއިތުރުން، ޔަހޫދީ ސިފައިންގެ ހިމާޔަތުގެ ދަށުން ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިން ދަނީ ފަލަސްޠީނުގެ މިލްކިއްޔާތުތައް ފޭރިގަނެ، އެ ސަރަހައްދުގައި އެ މީހުންގެ ބާރު ފުޅާކުރަމުންނެވެ.