ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ. މި މަހުގެ 7 އިން 11 އަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭގޭގެ ފެންވަންނަ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމާއި، ކަރަންޓު ސާމާނު ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކުރުން ހިމެނެއެވެ.
މީގެއިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށް ވަނީ އަންގަވާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، ނުރައްކާތެރި މޫސުމުގައި ކަނޑުދަތުރުތައް ނުކުރުމަށް ވެސް ވަނީ އިރުޝާދު ދެއްވާއެވެ.
Heavy rain and the possibility of flooding expected across the country from 7th to 11th November 2026. https://t.co/5w2kDkohwU
— Maldives Meteorology (@MetMaldives)November 7, 2026
މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓް އޮފީހުން ދަނީ އެލާޓުތައް ނެރެމުންނެވެ. އެގޮތުން މިވަގުތު ހއ އަތޮޅުން އދ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށެވެ. މެޓުން ވިދާޅުވީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. މެދުރާއްޖެތެރެއާއި އުތުރަށް ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 5 މޭލާއި 15 މޭލާއިދެމެދުގެ ބާރުމިނުގައެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެެ. އެގޮތުން ވިލާގަނޑެއްގައި ގަޑިއަކު 40 މޭލަށް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ނަމަވެސް އުތުރާއި މެދުރާއްޖެތެރެ އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓުން މައުލޫމާތުދެއްވައެވެ.
މެޓް އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވާރޭ ވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 24 ގަޑިއިރު ތެރޭ 104.4 މިލިލީޓަރުގެ ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މީގެ އިތުރުން އެއަތޮޅު ކާޑެއްދޫއަށް 63 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުން އާންމުކޮށްފައިވާ ހިސާބުތައް ދައްކައެވެ.