ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން ޅައިމަގުގެ ކައުންސިލުން މައުލުމާތުދެއްވިގޮތުގައި މި ނަގޫރޯޅިއާއިއެކު ރަށުގެ ބޮޑު ސަރަހައްދަކަށް ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން އެ ސަރަހައްދުގެ 25 އަށް ވުރެ ގިނަ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ.

މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އެ މީހާއަށް މިހާރު ދަނީ ފަރުވާދެމުންނެވެ.

މި ރޯޅި އަރާފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދުގެ ހެނދުނު 6:45 ހާއިރެވެ. މި ރޯޅިއާއެކު ބޮކޮށް ވާރޭވެހި، ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ވައިގަދަ ވެފައިވާކަމަށް ކައުންސިލުން މައުލުމާތުދެއްވައެވެ. ނަމަވެސް މިހާރު މި ވިލާގަނޑުގެ އަސަރެއް ނެތަކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވި ގޮތުގައި، ނަގޫރޯޅީގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމާއި، ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޅައިމަގު ކައުންސިލާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބާރުއަޅައިފައެވެ. އެގޮތުން ވައިގަދަވެ، ކަނޑުތައް ގަދަވެ އަދި ވިއްސާރަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ރައްޔިތުން މޫސުމުގެ އެންމެ ފަހުގެ ޚަބަރުތަކަށް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.