މީހުން ދިރިއުޅޭ ރަށްރަށުގައި ކީރިތި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ލ. މާވަށުގައި ހުޅުވައިފިއެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ މާވަށު ގޮފި އިފްތިތާޙުކޮށްދެއްވީ އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، މާވަށު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މާވަށުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
މާވަށުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
މާވަށުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވުން. ފޮޓޯ:އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި ގޮފި ހުޅުވުމަށްފަހު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޓީމުންވަނީ ލ. މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަރުކަޒުގެ ލ. މާވަށު ގޮފި ހިންގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މާވަށު ގޮފީގެ ހިފްޒު ކުލާހުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާވެސްވަނީ މިޓީމުންވަނީ ބައްދަލުކުރައްވާފައެވެ.

މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މަރުކަޒުގެ އިތުރު 9 ގޮތްޕެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެއީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ .މަގޫދޫ، ގއ .ދާންދޫ އަދި ސ. ހިތަދޫގައެވެ.

މާވަށުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
މާވަށުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ހިފްޒު ކުލާހުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރުން. ފޮޓޯ: ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު

މީގެއިތުރުން، އިތުރު 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމަށް ވަނީ ހުށަހަޅާފައިވެއެވެ. އެއީ ހއ. އިހަވަންދޫ، ޝ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކެންދޫހުޅުދޫގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަންއޮތް ޖީލުތަކަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތަޢުލީމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ. އެގޮތުން ޤައުމީ ޤުރްއާން މުބާރާތަކީ ދައުލަތުގެ ބަޖެޓުން މުޅިން ޚަރަދުކުރެވޭ، އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގެ ތެރެއިން އެންމެ އަގުހުރި އިނާމުތައް ހުށަހެޅޭ މުބާރާތުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. އަދި ޙާފިޡުންނަށް ދެވޭ ޢިނާޔަތް ދެގުނައަށް ބޮޑުކުރައްވައި، ކީރިތި ޤުރްއާން ހިފްޡުކޮށް ނިންމަވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތެއްވެސް ދަނީ ބާއްވަމުންނެވެ. މީގެއިތުރުން، ޤުރްއާނުގެ ތަޢުލީމަށާއި އެއާ ގުޅުންހުރި ތަރައްޤީގެ ޕްރޮގްރާމްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައި، ކީރިތި ޤުރްއާނަށް ޚާއްޞަ ވަޤުފް މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ.

މާވަށުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
މާވަށުގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި